ކޭބަލް ޓީވީ އާއި އިންޓަނެޓްގެ ހިދުމަތް ނުލިބޭ ކުދިން ހޯދަނީ

ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންޓަނެޓް މެދުވެރިކޮށް ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ނުލިބޭ ދަރިވަރުންގެ މައުލޫމާތު އެއްކުރުމަށް ސްކޫލްތަކަށް އެޑިއުކޭޝަން ...

16 Mar 2020 | 05:54

ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންޓަނެޓް މެދުވެރިކޮށް ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ނުލިބޭ ދަރިވަރުންގެ މައުލޫމާތު އެއްކުރުމަށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ ސްކޫލްތަކުގެ ކިޔެވުން ފަށަން ނިންމާފައިވަނީ އޮންލައިންކޮށް ކަމަށެވެ. އަދި ގްރޭޑް10 އަދި11 ގެ ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ޕީއެސްއެމްގެ ޔެސް ޓީވީން "ޓެލި ކްލާސް" ގެނަމުގައި ކުރިޔަށް ގެންދާނެ ޕްރޮގްރާމެއްގައި ނަގައިދެމުންދާނެ ކަމަށެވެ.

އޮންލައިންކޮށް ކިޔަވައިދޭން ތައްޔާރުވާ ވާހަކަ ހާމަކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އެގޮތުން ރާއްޖޭގައި ހުރިހާ ރަށެއްގައި އިންޓަނެޓްގެ ހިދުމަތް ގޭގޭގައި ލިބެން ނުހުންނަކަމަށާއި ޓިވީން ޕްރޮގްރާމްތައް ބެލޭނެ ގޮތް ހުރިހާ ގެއެއްގައި ހަމަޖެހިފައި ނުހުންނަކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ރޭ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ހިދުމަތްތައް ލިބެން ނެތް ކުދިންގެ ގޭގޭ މައުލޫމާތު އެއްކޮށް މިނިސްޓްރީއަށް އަންގަން ސްކޫލްތަކަށް އަންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދޭން މިނިސްޓްރީން ފަށާނީ ހުރިހާ މައްސަލަތަކެއް ހައްލު ކޮށްދިނުމަށް ފަހު ކަމަށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސްކޫލްތައް މިހާރު ބަންދުކޮށްފައި އޮތީ އެއް ހަފްތާގެ މުއްދަތަށެވެ. އަދި ކޮލެޖު ޔުނިވާސިޓީތައް ބަންދު ކޮށްފައި އޮތީ ދެ ހަފްތާއަށެވެ.

މިވަގުތު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތުމުން ސްކޫލްތައް އަލުން ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ. އެހެންވެ އެޑިއުކޭޝަނުން ދަނީ އިތުރަސް ސްކޫލްތައް ބަންދުކޮށްފައި ނުބޭއްވުމަށް ނިންމައި އޮންލައިންކޮށް ކިޔަވައިދޭން ފަށަން ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް