ގައުމީ އެއާލައިން، މޯލްޑިވިއަންގެ މުވައްޒަފުންނަށް ކޮރޯނާ ވައިރަސްއާއި ގުޅިގެން ވަޒީފާ އަދާ ކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދީފި އެވެ.
ކޮންމެ ދުވަހަކު އެތައް ބަޔަކާއި މުއާމަލާތް ކުރަން ޖެހޭ ބަޔަކަށް ވާތީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ނިންމީ މުވައްޒަފުން ހަފްތާއަކު ތިން ދުވަހު އޮފީހަށް ނުކުމެ ވަޒީފާ އަދާ ކުރާ ގޮތަށެވެ. އެ ކުންފުނިން ބުނީ އަނެއް ދެ ދުވަހު މުވައްޒަފުން ތިބޭނީ ގޭގައި "ސްޓޭންޑްބައި" ގައި ކަމަށެވެ.
މިގޮތަށް މަސައްކަތް ތާވަލް ކުރުމަށް މުވައްޒަފުން ވަނީ ގްރޫޕުތަކަކަށް ބަހާލާފައި އެވެ. މޯލްޑިވިއަން އިން ބުނީ މިގޮތަށް ހަމަޖެއްސިޔަސް މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މިގޮތަށް ހަމަޖެއްސުމުގެ މަގުސަދަކީ މުވައްޒަފަކަށް މި ހާލަތު އޮފީހަށް ނުނިކުމެވޭ ގޮތްވިޔަސް ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ހިދުމަތް ދިނުން ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ. އަދި މޯލްޑިވިއަން އަކީ ޓެކްނިކަލް މަސައްކަތްތަކެއް ކުރާ ކުންފުންޏަކަށްވާތީ މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަން ދިނުން ކަމަށެވެ.
މީގެ އިތުރުން މޯލްޑިވިއަން އިން ވަނީ ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތަކަށްވެސް ބަދަލު ގެނެސްފައި އެވެ.
ޓިކެޓް އޮފީސް ހުޅުވިފައި ހުންނަ ގަޑިތައް:
އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު8:30 ން މެންދުރު ފަހު3:30 އަށް
ހުކުރު އަދި ހޮނިހިރު ދުވަހު ބަންދު
ކޯލް ސެންޓަރު އަދި ވައިބާގެ ހިދުމަތް:
ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު8:00 ން ހަވީރު6:00 އަށް
ހުކުރު ދުވަހު މެންދުރު ފަހު2:00 ން ރޭގަނޑު8:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް