ފުލުހުންނަށް ހަމަލާ ދިނުން ސަރުކާރުން ކުށްވެރިކޮށްފި

މުޒާހަރާތަކުގައި ފުލުހުންނަށް ހަމަލާދޭތީ ސަރުކާރުން އެކަން ކުށްވެރި ކޮށްފި އެވެ. ސަރުކާރުން މިކަން ކޮށްފައިވަނީ ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށެވެ. ރައީސް އޮފީހުން ބުނެފައިވަނީ މި މަހުގެ 14 އާއ...

16 Mar 2018 | 17:36

މުޒާހަރާތަކުގައި ފުލުހުންނަށް ހަމަލާދޭތީ ސަރުކާރުން އެކަން ކުށްވެރި ކޮށްފި އެވެ.

ސަރުކާރުން މިކަން ކޮށްފައިވަނީ ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށެވެ. ރައީސް އޮފީހުން ބުނެފައިވަނީ މި މަހުގެ 14 އާއި 15 ވަނަ ދުވަހު ސަރުކާރާ އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާތަކުގައި ފުލުހުންނަށް ދިން ހަމަލާއާއި، ފުލުހުންނަށް އަނިޔާކުރުމަށް ގޮވާލައި އެކަމަށް ހިތްވަރުދިނުން ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ.

"މި މަހުގެ 14 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދުއްވާ އުޅަނދުފަހަރަށް ދަތުރުނުކުރެވޭނޭ ފަދައިން ބޭއްވި އެއްވުމުގައި ފުލުހެއްގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވެއެވެ. އަދި އެރޭ މުޒާހަރާއަށް އެއްވި ސަރަޙައްދުން 105 މިރުސް ފެން ޕެކެޓު ފެނިފައިވާއިރު، ޖެހިގެން އައިރޭ މުޒާހަރާ ކުރި ސަރަޙައްދުން 76 އަސޭމިރުސް ފެން ޕެކެޓާއި، 24 ދަގަނޑުބުރި ފެނިފައިވެއެވެ. މީގެއިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހަން އުޅޭކަމުގެ މަޢުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ޢާންމުކޮށްފައެވެ. އަދި، މިރޭ އިސްލާމީ މަރުކަޒު ކައިރީގައި ޕާކުކޮށްފައިވާ ކާރެއްގައި ވަނީ ރޯކޮށްލާފައެވެ." ސަރުކާރުން ބުނެފައި ވެ އެވެ.

ސަރުކާރުން ބުނެފައިވަނީ މިފަދަ ކަންކަމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާ ޚިލާފު، އަދި ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ޢަމަލުތަކެއްކަން ސަރުކާރުން ފާހަގަކޮށް އެންމެހައި ދިވެހި ރައްޔިތުންނަށް ޤާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ބެހެއްޓުމަށް ސަރުކާރުން އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް