ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވަ މިއަދު ފެނުނު މީހާ އާއި ހަވީރު ކަނޑުމަތިން ފެނުނު ހާލުގައި ޖެހިފައިވާ ޑިންގީގައި އިން މީހާ އާއި ގުޅުން ހުރިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ފޮއްތެޔޮ ބޮޑުފުށީގައި މީހަކު މަރުވެފައޮ އޮތް ކަމުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 11:02 ހާއިރު އެވެ. އެމިހާ މަރުވެފައި އޮއްވަ ފެނުނީ އެރަށަށް ދަނޑިކަނޑަން ގޮސް އުޅުނު ބަޔަކަށެވެ.
ފުލުހުން ބުނެފައިވަނީ މަރުވެފައި އޮއްވަ ފެނުނު މީހާ އަކީ ބިދޭސީއެއް ކަމަށްބެލެވޭ ކަމަށާއި އެމީހާގެ ހަށިގަނޑު މާލެ ގެންނަމުންދާ ކަމަށެވެ. ޑިންގީގައި ހާލުގައި ޖެހިފއިވާ ކަމަށް ބެލެވޭ މީހާ އެމްއެންޑީއެފް ކޯސްޓް ގާޑުން ސަލާމަތް ކުރީ މިއަދު ހަވީރު 5:12 ހާއިރު އެވެ.
އެމީހާ ފެނިފައިވަނީ ވ. އަންބަރާ ކައިރިންނެވެ. އެމީހާ މިރޭގެ ވަގުތެއްގައި ކޯސްޓްގާޑުން ވަނީ ވ. ފުލިދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފައި އެވެ.
މި މައްސަލައިގަ މިރޭ ފަހުން ފުލުހުން ބުނީ މަރުވެފައި އޮއްވަ ފެނުނު މީހާ އާއި ޑިންގީއިން ފެނުނު މީހާ އާއި ގުޅުން އޮތް ކަމަށް މިހާތަނަށް ތަހުގީގަށް ހޯދުނު މައުލޫމާތުތަކުން އެނގިފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި މި ދެމީހުންނަކީވެސް ލަންކާ ދެމީހުންނެވެ.
އެމްއެންޑީއެފުން ވަނީ ޑިންގީ ފެނުނު މީހާ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އެއީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ އާއި ގުޅޭގޮތުން ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް ބިދޭސީ މީހާ އޮތީ އެ ރަށު މެދު ތެރޭގައި އެވެ. އެހެން ކަމުން އެއީ މަރުވެގެން އޮޔާ ލައްކާފައި އޮތް މީހެއް ކަމަކަށް ނުބެލެވެ އެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް