މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއާއި ކާފިއު ހިންގާ ގަޑީގައި އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ޖޫރިމަނާ ކުރާތީ އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ހިތްޕުޅު ހަމަނުޖެހިއްޖެ އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމަކުން ފުލުހުންނަށް އޮންނަނީ އަންގާފައި އެވެ. ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރު ނަމަ 1،000 ރުފިޔާއިން ނެވެ.
މި އެންގުމާއި އެއްގޮތަށް މާލޭގައި މާލޭ ސިޓީގައި ހަވީރު 6:00 ން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން އޮންނަނީ މަނާކޮށްފައި އެވެ. އަދި ރޭގަނޑު 11:00 ން ފަތިހު 4:00 އަށް މަގުމައްޗަށް މީހުން ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ އިންތިހާބާއި ދިމާކޮށް އީސީ މުވައްޒަފުން ވަރަށް ގިނަ ވަގުތު އޮފީހުގައި މަސައްކަތް ކުރުމަށް ހޭދަ ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެހެންވެ އީސީގެ މުވައްޒަފުންނަށް މަނާ ގަޑިތަކުގައި ބޭރު ގައި އުޅުމަށް ބޭނުންވާ ފާސް ހޯދުމަށް ގަވައިދުގެ ތެރެއިން އެދިފައިވާނެ ކަމަށެވެ.
އެކަމަކު ފާސް މިހާތަނަށް ލިބިފައި ނުވާއިރު އެ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ނިންމާފައި ދަނިކޮށް ޖޫރިމަނާ ކުރުމަކީ ކޮމިޝަނުން ވަރަށް ހިތާމަ ކުރާ ކަންބޮޑުވާ ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާތަނަށް އެއް މުވައްޒަފަކު 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ޖުރިމަނާ ކުރުމުގެ ބަދަލުގައި މުވައްޒަފު އެވަގުތު ވަޒިފާ ނިންމާފައި ދަނީ އީސީން ކަން އެނގިތިބެ ޖޫރިމަނާ ކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލުން އެއީ ފާސް ލިބެންދެން ފުލުހުންނަށް ދެވޭނެ ލުޔެއް ކަމަށެވެ.
ޝަރީފު ވިދާޅުވީ ކައުންސިލް އިންތިހާބާއި ގުޅިގެން ގިނަ މަސައްކަތްތަކެއް އީސީގެ މުވައްޒަފުން ކުރަމުންދާއިރު މުއައްސަސާތަކުން އެކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ އޮފީހުގައި އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް އަމަލު ކުރަމުންދާ ކަމަށާއި މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް އެ ކޮމިޝަނުގައި 160 އަށްވުރެ ގިނަ މުވައްޒަފުން ވެކްސިން ދީފައިވާ ކަމަށް ވިދާޅުވި އެވެ.
ކޯވިޑް-19 ޖެހިފައި ހުރީ މިވަގުތު އީސީގެ އެންމެ މުވައްޒަފަކަށެވެ. އެ މުވައްޒަފަށް ބަލި ޖެހިފައިވަނީ ފިރިމީހާގެ ފަރާތުން ކަމަށާއި އޭނާ އާއި ޑައިރެކްޓު ކޮންޓެކްޓުވި މުވައްޒަފުންނާއި އެހެން ކޭސްތަކަކެއްގައި ހިމެނޭ ބަޔަކާއި ޑައިރެކްޓު ކޮންޓެކްޓުވެގެން ހަތް މުވައްޒަފަކު މިވަގުތު ކަރަންޓިންގައި އެބަތިބި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް