އާ ފަސޭހައެއް، ހުރިހާ މަހެއްގައިވެސް ދެން ކަރަންޓު ބިލް އެއްވަރުކޮށްލެވިދާނެ

ހުރިހާ މަހެއްގައިވެސް އެއް އަދަދެއް ކަރަންޓު ބިލަށް ދެއްކޭފަދަ ގޮތަކަށް ސްޓެލްކޯއިން "އީކުއަލް ޕޭމަންޓް ސިސްޓަމް" ތައާރަފްކޮށްފިއެވެ. މި ސިސްޓަމް ތައާރަފްކޮށްފައިވަނީ ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެ...

16 Feb 2021 | 11:20

ހުރިހާ މަހެއްގައިވެސް އެއް އަދަދެއް ކަރަންޓު ބިލަށް ދެއްކޭފަދަ ގޮތަކަށް ސްޓެލްކޯއިން "އީކުއަލް ޕޭމަންޓް ސިސްޓަމް" ތައާރަފްކޮށްފިއެވެ.

މި ސިސްޓަމް ތައާރަފްކޮށްފައިވަނީ ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މި ޕްލޭނާއެކު ކޮންމެ މަހެއްގައިވެސް ކަސްޓަމަރުން ކަރަންޓަށް ހޭދަކުރަން ބޭނުންވާ ވަރު ބަޖެޓްކޮށްލެވިދާނެކަމަށެވެ.

"މިސާލަކަށް މިދިޔަ އަހަރު ކަރަންޓަށް ކުރި ޖުމްލަ ހޭދައިން ކޮންމެ މަހަކަށް ޖެހޭ އަދަދު، މި އަހަރުގެ ކޮންމެ މަހެއްގައި ދެއްކިދާނެ" މުޣުނީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ޕްލޭނެއް ރާއްޖޭގައި ތައާރަފްކުރީ މިދިޔަ ދެ އަހަރު ކަސްޓަމަރުންގެ ރިވިއު އަށް ބެލުމަށްފަހުގައި ކަމަށެވެ.

ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި މި ޕްލޭން ނުވަތަ ސިސްޓަމްގައި ބައިވެރިވާ ކަސްޓަމަރުންނަށް އެ ކަސްޓަމަރުންގެ ބިލު ބަޖެޓްކޮށް، ކޮންމެ މަހެއްގައިވެސް ބިލަށް ބޭނުންވާ އަދަދު ކަނޑައެޅިދާނެއެވެ. އަދި އެ މަހެއްގައި ބިލަށް ދައްކަން ކަނޑައަޅާ އަދަދު ފިޔަވައި އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެ ކަންވެސް ސްޓެލްކޯއިން ފާހަގަކުރެއެވެ.

މި ޕްލޭނަކީ ގޭބިސީތަަކުން ކަރަންޓު ބޭނުންކުރާ ނިސްބަތުގެ އެވްރެޖަށް ބަލައި ކޮންމެ މަހެއްގައިވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންގައި ގޭގެ ވެރިފަރާތަށާއި އަދި ކުއްޔަށް އުޅޭ ފަރާތްތަކަށްވެސް ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު ބައިވެރިވެވިދާނެކަމުގައި ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން މިއަދު ބުނިގޮތުގައި މި ޕްލޭންގައި މަހުން މަހަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ ފާއިތުވެދިޔަ 12 މަސް ދުވަހުގައި ކަރަންޓް ބޭނުންކޮށްފައިވާވަރުގެ އެވްރެޖަށް ބަލައިގެންނެވެ. އަދި ގެއަކީ އަލަށް ކަރަންޓް ބޭނުންކުރާ ފަށާ ގެއެއްނަމަ އަގު ކަނޑައަޅާނީ އެ ތަނެއްގެ ކުޑަބޮޑުމިނާއި ބޭނުންކުރާތަކެތީގެ ލޯޑަށް ބެލުމަށްފަހުގައި ކަމުގައިވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވާގޮތުގައި މި ޕްލޭނާއެކު ބިލަށް ގިނައިން އަރާ މަސްމަހުގައި މަދު އަދަދަކުން ފައިސާ ދެއްކޭގޮތް ވާނެއެވެ. މުޅި އަހަރަށް ކަރަންޓް ބިލު ދެއްކުމުގައި ބަޖެޓިން ޕްލޭނެއް އެކުލަވާލެވޭނެއެވެ. އަދި މި ޕްލޭންގެ ދަށުން ކޮންމެ ހަ މަހަކުން އެވްރެޖް ޔޫސޭޖް އަދަދު ރިވިއު ކުރެވޭނެކަމަށާއި ރިވިއުކުރާއިރު ބިލަށް ފައިސާ އިތުރަށް ދެއްކިފައިވާނަމަ ދެން އަންނަ ބިލްތަކުން އެ އަދަދު ކަނޑާނެ ކަމަށާއި މަދުން ދެއްކިއްޖެ ނަމަ ދައްކަންޖެހޭ ބައި ބަހާލައިގެން ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް