ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭނެކަން ޔަގީންވީ އަދި އެންމެ ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އާންމުކޮށް ކޮންމެ އިންތިހާބެއްގައި ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާ ހިމެނެ އެވެ. ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައިވެސް އެ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަން އޮތީ ނިންމާފައި އެވެ.
އީސީން މިއަދު ބުނީ އޭގެ ތެރެއިން ވޯޓު ފޮށި ބެހެއްޓޭނެ ކަން ޔަގީންވީ އަދި ސްރީލަންކާގައި އެކަނި ކަމަށެވެ. އެގައުމުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވަން ހަތަރު ފޯޓު ފޮށި ބަހައްޓާނެ ކަމަށާއި އެ ވޯޓު ފޮށިތައް ބެހެއްޓުމުގެ ހުއްދަ ލަންކާ ސަރުުކާރުން ދީފައިވާ ކަމަށެވެ.
އިންޑިއާގެ ޓްރިވެންޑްރަމްއިން ވޯޓު ފޮށި ބެހެއްޓޭނެ ކަމާއި މެދު ވަކި ޖަވާބެއް އަދި ދީފައެއް ނުވެ އެވެ. އެކަމަކު އިނގިރޭސިވިލާތުގެ ލަންޑާނާއި މެލޭޝިއާގެ ކުއާލަލަންޕޫރުގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަން އެ ގައުމުތަކުން އަންގާފައިވާ ކަމަށެވެ.
އިސީން ބުނީ މެލޭޝިއާ އާއި އިނގިރޭސިވިލާތުގައި ވޯޓުލުމަށް ރެޖިސްޓްރީ ކޮށްފައިވާ މީހުންގެ ވޯޓު ލާތަން މިހާރު ވާނީ ދާއިމީ އެޑްރެސް އޮންނަ ރަށަކަށް ބަދަލުކޮށްފައި ކަމަށެވެ. އަދި އެހެން ތަނަކަށް ވޯޓުލާން ބޭނުން ނަމަ ރީރެޖިސްޓްޜޭޝަނަށް ހުޅުވާލުމުން އަލުން ވޯޓުލާތަން ބަދަލު ކުރުމަށް އެދިފައިވެ އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.
މި އިންތިހާބުގައި 3،934 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ. އެއީ ކައުންސިލްތަކަށް 2،264 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކަށް 1،670 ކެންޑިޑޭޓުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް