ކޯވިޑް ޖެހޭނެ މީހުން އެނގިގެން ނޫނީ ވޯޓުލާ ދުވަހު ހުންނަ ރަށަކަށް ވޯޓެއް ނުލެވޭޭނެ

ލޯކަލް ކައުންސިލް އިންތިހާބުގައި އަމަލު ކުރަން އެކުލަވާލާފައިވާ ގައިޑް ލައިންގައިވާ އެންމެ ކަމެއް ފިޔަވާ ހުރިހާ ކަމަކަށް އަމަލު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތައްޔާރަށް އޮތް ކަމަށް އެ ކޮމިޝ...

16 Feb 2021 | 10:34

ލޯކަލް ކައުންސިލް އިންތިހާބުގައި އަމަލު ކުރަން އެކުލަވާލާފައިވާ ގައިޑް ލައިންގައިވާ އެންމެ ކަމެއް ފިޔަވާ ހުރިހާ ކަމަކަށް އަމަލު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތައްޔާރަށް އޮތް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެޗްޕީއޭއިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް އާންމު ކޮށްފައި އެވެ. މި ގައިޑްލައިންގައި ހުރި ކަންކަމާއި ގުޅިގެން އީސީން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް އެކަން މަޖިލީހަށް ލިޔުމުން ހުށަހަޅާފައި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެ ގައިޑްލައިންގައިވާ ކަންކަމުގެ ތެރެއިން އަމަލު ނުކުރެވޭނެ ހަމަ އެކަނި ކަމަކީ ވޯޓު ލާ ދުވަހު ކޯވިޑަށް ޕޮސިޓިވްވެފައި ތިބޭ މީހުން އެމީހަކު ހުރި ރަށެއްގެ ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައި ދިނުން ކަމަށެވެ. ޝަރީފް ވިދާޅުވީ ގައިޑްލައިންގައި ވާގޮތަށް އެ އިންތިޒާމް ހަމަޖެއްސޭނީ އެ ދުވަހު ޕޮސިޓިވްވެފައި ތިބޭނެ ނުވަތަ ޕޮސިޓިވް ވާނެ މީހުން އެޗްޕީއޭއިން ދުރާލާ އީސީއަށް އަންގައިގެން ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުތައް ބޭއްވުމުގައި އީސީން އަމަލު ކުރަމުން އަންނަނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށްވާތީ ރީރެޖިސްޓްރޭޝަން މަރުހަލާގައި ވޯޓުލާ ތަން ބަދަލު ކުރާ މީހުން ފިޔަވާ އެހެން އެންމެންގެ ވޯޓު ކަރުދާސް ފޮނުވާނީ އެމީހަކު ރަށްވެހިވެފައިވާ ރަށަށް ކަމަށެވެ. އަދި އެ ފޮއްޓަކަށް ވޯޓު ލުމަށް ރެޖިސްޓްރީ ކޮށްފައިވާ މީހުން ފިޔަވާ އިތުރު މީހަކަށް ވޯޓު ނުލެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވަނީ އެ ދުވަހު ޕޮސިޓިވްވެފައި ތިބޭ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުން ވޯޓުލާ މަރުކަޒުތަކަށް ގެންގޮސް ވޯޓު ލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ އީސީގެ ޒިންމާއެއް ކަމަށެވެ. އަދި ޕޮސިޓިވް މީހުންނާއި ކަރަންޓީންގައި އެމީހަކު ހުރި ރަށަަކަށް ވޯޓު ލުމުގެ އިންތިޒާމްތައްވެސް އީސީން ހަމަޖައްސަން ވާނެ ކަމަށެވެ.

ޝަރީފް މިއަދު ވިދާޅުވީ އީސީގެ ގައިޑްލައިނަށް އަމަލު ކުރުމަކީ ވަރަށް ބުރަ ބޮޑުވެ އަދި ހަރަދު ބޮޑު ކަމަކަށް ވާނެ ކަމަށެވެ. އެކަމަކު އެ ދަތިތަކާއި އެކުވެސް ކައުންސިލް އިންތިހާބަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ހަމަޖައްސައިދީފި ނަމަ އިންތިހާބު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުމަށް އެ ކޮމިޝަނުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.

މި އިންތިހާބުގައި 3،934 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ. އެއީ ކައުންސިލްތަކަށް 2،264 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކަށް 1،670 ކެންޑިޑޭޓުން ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް