މެމްބަރު ވަހީދު އާލާސްކަންފުޅާ އުޅުއްވާތާ އެތައް ދުވަހެއް، ފަރުވާ ހޯއްދަވަނީ ދުބާއީގައި

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ހުންނެވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސަލާމުގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިއަދު މަޖިލީގުގެ ޖަލްސ...

16 Feb 2021 | 08:50

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ހުންނެވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސަލާމުގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިއަދު މަޖިލީގުގެ ޖަލްސާގައި މިހެން ވިދާޅުވީ ވަހީދުގެ އިތުރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވާ މެމްބަރުންތަކެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ފާހަގަ ކޮށް އާންމުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނިކޮށެވެ. ވަހީދުގެ އިތުރުން ދެން އާންމުން ފާހަގަ ކުރަމުން ދަނީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ވާހަކަ އެވެ.

ނަޝީދު މިއަދު ވިދާޅުވީ މެމްބަރު ވަހީދު ސަލާމުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ހުސައިން ވަހީދު ގެންދަވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން މީޑިއާގައި ބުނެފައިވަނީ ހުސައިން ވަހީދު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ދުބާއީގައި ކަމަށެވެ. އަދި ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ކަމަށާއި ކުރިއަށްވުރެ މިހާރު ހާލު ރަނގަޅު ކަމަށް ބުނެފައިވެ އެވެ.

ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ ގާސިމް އާއި ސިޔާމްވެސް ތިއްބެވީ ސަލާމުގައި ކަމަށެވެ. އެކަމަކު އެ ދެބޭފުޅުން ސަލާމުގައި ތިއްބެވި ސަބަބު ހާމައެއް ނުކުރައްވަ އެވެ.

މީގެ ތެރެއިން ސިޔާމަކީ ކޮންމެ ދައުރެއްގައި ވެސް އެންމެ މަދުން މަޖިލީހަށް ވަޑައިގެންނަވާ ބޭފުޅާ އެވެ. އާންމުކޮށް ސިޔާމް ދައުރެއް ނިންމާލައްވާނީ ގިނަ ވެގެން ފަސް ޖަލްސާއަށް ވަޑައިގެންނަވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް