ގާޒީ ސްކޫލާއި ޖަމާލުއްދީން ސްކޫލުން ކޯވިޑް-19ގެ ޕޮސިޓިވް ކޭސްތަކެއް ފެނިއްޖެ އެވެ.
ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ގާޒީ ސްކޫލުން ޕޮސިޓިވް ވެފައިވަނީ ގްރޭޑް އެކެއްގެ ޓީޗަރެއް ކަމަށެވެ. އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި އެ ސްކޫލްގެ 12 ޓިޗަރަކު ދެނެގަނެވިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ މިހާތަނަށް ދެނެގަނެވުނު ޓީޗަރުންގެ އަދަދު ކަމަށެވެ. އަދި އެ ކޭސް އާއި ގުޅޭ އިތުރު ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ތަސްލީމާ ވިދާޅުވި އެވެ.
ޖަމާލުއްދީން ސްކޫލުން ޕޮސިޓިވްވެފައިވަނީ ގްރޭޑް ނުވައެއްގެ ދަރިވަރެކެވެ. އެ ދަރިވަރުގެ ކޮންޓެކްޓުންގެ ގޮތުގައި އެ ސްކޫލްގެ ހަތަރު ދަރިވަރަކު ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ތަސްލީމާ ވިދާޅުވީ އެއީ މިހާތަނަށް ދެނެގަނެވުނު އަދަދު ކަމަށާއި އެ ކޭސް އާއި ގުޅޭ އިތުރު ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތްވެސްް ކުރަމުންދާ ކަމަށެވެ.
މި ދެ ސްކޫލްގެ ކޭސްތައް ފެނިފައިވަނީ މިއަދު އެވެ.
މިއަހަރުގެ ދިރާސީ އާ އަހަރާއި އެކު 2020-2021 އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުން ޕޮސިޓިވްވާ އަދަދު ދަނީ އިތުރުވަމުންނެވެ.
އެކަމަކު އެޗްއީއޯސީން ބުނީ ސްކޫލް މާހަލައު ރައްކާތެރިކަމަށާއި ރައްކާތެރިކަމަށް ސްކޫލްތަކުގައި އެޅިފައިވާ ފިޔަވަޅުތައްވެސް ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް