ބ. ގޮއިދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބ. ގޮއިދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ. ގޮއިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސ...

16 Jan 2021 | 11:22

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބ. ގޮއިދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

ގޮއިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް އިފްތިތާޙުކޮށްދެއްވާފއި ވަނީ އެމް.ޑަބްލިއު.އެސް.ސީގެ ޗެއާމަން އަލްފާޟިލް އަހުމަދު މައުސޫމުއާއި މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއެވެ. މީގެ އިތުރުންވެސް މި ކުންފުނީގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށްޓަކައި އިމާރާތް ކުރާ ސެފިލިޓީ ބިލްޑިންގެ 31 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ގޮއިދޫ ނަރުދަމާގެ ނިޒާމް ޤާއިމުކުރަން ބޭނުންވާ ހޮޅިފަދަ ތަކެތި އެރަށަށް ގެނެވި، މިހާރު ކުރިއަށް ދަނީ ހޮޅި ވަޅުލުގެ މަސައްކަތެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރޭގައި 15.9 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކެއް ޤާއިމު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އާރ.އޯ ފެސިލިޓީ އިމާރާތްކޮށް، ފެން އުފައްދާ ދެ އާރ.އޯ ޕްލާންޓް ބެހެއްޓިގެންދާނެއެވެ. ފެން ރައްކާކުރުމަށްޓަކައި ބެހެއްޓޭނީ 300 ކިއުބިކްް މީޓަރުގެ ދެ ތާނގިއެވެ. މީގެ އިތުރުން، ގެތަކުގައި ފެން މީޓަރު ބަހައްޓައިދީ، ފެނުގެ ކަނެކްޝަން ގުޅައި ދިނުމުގެ އިތުރުން އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ހާމަކުރެއެވެ.

ގޮއިދޫ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި 8.7 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކެއް ޤާއިމު ކުރެވިގެން ދާނެއެވެ. އަދި  މި މަޝްރޫޢުގައި 1.1 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގް ސްޓޭޝަނާއި، ސީ އައުޓް ފޯލް އެއް ޤާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން ގޭގޭގައި ޖަންގްޝަން ބަހައްޓައިދީ، ނަރުދަމާ ކަނެކްޝަން ގުޅައިދީ، ނަރުދަމާގެ ޚިދުމަތް ފޯދުކޮށްދެވިގެން ދާނެކަމަށް އެމް.ޑަބްލިއު.އެސް.ސީ އިން ހާމަކުރެއެވެ.

ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު  ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ.

ބ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގެ އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑްއާިއ 22 މަސްދުވަހުގެ މުއްދަތަށް ހަވާލުކޮށްގެން ކުރިއަށްގެންދާ، 46 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް