އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ހަސަން މޫސާގެ ކެންޑިޑޭސީ ބާތިލް ކުރި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑޭސީ ބާތިލް ކުރީ ޝަރުތު ހަމަނުވާ ކަމަށް ބުނެ މިމަހުގެ 13 ވަނަ ދުވަހު އެވެ. އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، ޝަރުތު، ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އީސީން އޭނާގެ ޝަރުތު ހަމަނުވާކަމަށް ނިންމި އިރު ހަސަން މޫސާގެ ކެންޑިޑޭސީ ބަލައިގަނެ ލިޔުން ހަވާލުކޮށްފައިވަނީ ކުށުގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ ކަމަށެވެ. ކޯޓަށް މައްސަލަ ހުށަހަޅަން ނިންމީ އީސީން ކެންޑިޭސީ ބަލައިގަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ނިންމިތާ އެތައް ދުވަހެއް ވީފަހުން ކެންޑިޑޭސީ ބާތިލް ކުރުމުން ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެ މައްސަލަ ކޯޓަށް ހުށަހެޅުމާއި ގުޅޭ އިތުރު ތަފްސީލް އަދި ނުދެއްވަ އެވެ.
ޕީޕީއެމް އާއި އެކު އެ ރަށު ކައުންސިލަށް ވާދަ ކުރަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ހަސަން މޫސާގެ ކެންޑިޑޭސީ އީސީން ބާތިލް ކުރުމުން ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެވަނައަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް ރީހާން އަށް އެ ގޮނޑި ވަނީ އިންތިހާބަކާއި ނުލައި ޔަގީން ކުރެވިފައި އެވެ.
މިއީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓެއްގެ ކެންޑިޑޭސީ ބާތިލް ކުރި ފުރަތަމަ ފަހަރެވެ. އެކަމަކު އިންތިހާބުގައި ވާދަކުރާ100 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް