މާލޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް އަތޮޅު ތެރޭގައި ފެންނަމުންދާ ކޭސްތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނެތް ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން މިހެން ބުނީ ގއ. ދެއްވަދޫގައި ކޯވިޑްގެ ބޮޑު ކްލަސްޓާއެއް އުފެދި އެ ކްލަސްޓާ އާއި ގުޅުން ހުރި ޕޮސިޓިވް މީހުން އެހެން ރަށްރަށުންވެސް ފެންނަމުން ދާ ދަނޑިވަޅެއްގައި އެވެ. މިހާތަނަށް އެ ކްލަސްޓާ އާއި ގުޅުން ހުރި 60 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދެއްވަދޫއިން ކޯވިޑްގެ ފެނި މުޅި ރަށް ބިރުވެރި ކަމެއްގެ ތެރޭގައި އޮތް ކަމަށެވެ. ސަރުކާރުން އެ ރަށުގައި ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށެވެ.
ރާއްޖޭގައި ބަލި ކޮންޓްރޯލްކުރެވިފައިވާ ކަމަށް ސަރުކާރުން ބުނަމުން ގެންދާއިރު ކުދި އާބާދީތަކުގައި ވައިރަސް ކޮންޓްރޯލް ނުވެ ދިޔުމަކީ ރާއްޖޭގައި ކޯވިޑް އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ރައްޔިތުންގެ ހިތުގައި އިތުރަށް ބޮޑުވާނެ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ އާބާދީ ކިތަންމެ ކުޑަޔަސް ވައިރަސް ފެތުރެން ފެށުމާއި އެކު ވީހާވެސް އަވަހަކަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފައި އެވެ. އަދި އެ ރަށްރަށުގައި ކޯވިޑަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
އަތޮޅު ތެރޭގައި މާލޭގެ ކޯވިޑް ފެސިލިޓީތަކާއި އެއް ފެންވަރަށް ހަ ފެސިިލިޓީއެއް ހަދާފައިވެ އެވެ. އެއީ ށ. ފުނަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީ، ބ. އޭދަފުށީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީ، ލ. ގަން ކޯވިޑް މެނޭޭޖްމެންޓް ފެސިލިޓީ، ގއ، ވިލިނގިލީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީ، ގދ. ތިނަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ކޯވިޑް މެނޭޖެމްނެޓް ފެސިލިޓީ އެވެ.
މި ތަންތަނުގައި ކޯވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމާއި ވޯޑާއި އައިސީޔޫގެ އިތުރުން ވެންޓިލޭޓަރުގައި ކޯވިޑް ޖެހޭ މީހުންނަށް ފަރުވާ ދެވެން ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް