ވިލިމާލޭ މުހިއްދީން ސްކޫލްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮސިޓިވްވެފައިވަނީ އެ ސްކޫލްގެ ސަޕޯޓް ސްޓާފެކެވެ. އެ މުވައްޒަފާއި އެ ސްކޫލްގެ ޓީޗަރުންނާއި ނުވަތަ އެހެން މުވައްޒަފުންނާއި ކޮންޓެކްޓު ވެފައިވާކަމަށް ނުބެެލެވޭ ކަމަށް ވެ އެވެ.
އެޗްއީއޯސީން ކުރިން ބުނެފައިވަނީ ސްކޫލްތަކުގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ. އެއީ ސްކޫލްތަކުގައި ވަރަށް ރަނގަޅަށް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރަމުންދާތީ ކަމަށާއި މިހާތަނަށް ޕޮސިޓިވްވި ތައުލީމީ ދާއިރާގެ އެއްވެސް މީހަކާއި ނުވަތަ ދަރިވަރުންގެ ކޮންޓެކްޓުންގެ ގޮތުގައި ސްކޫލް މާހައުލުން މީހަކު ދެނެގަނެވިފައި ނުވާ ކަމަށެވެ.
މިދިޔަ ހަފްތާގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެ ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި އެ ސްކޫލްގެ ޓީޗަރުންތަކެއް ދެނެގަނެ ވިފައިއިރު އެ ޓީޗަރުން މިހާރު ތިބީ ކަރަންޓީންގައި އެވެ.
ކަރަންޓީންގައި ތިބި ޓީޗަރުންނާއި ޕޮސިޓިިވްވި ޓީޗަރާއި ބައްދަލުވެފައިވަނީ ސްކޫލުން ބޭރުގައި އެވެ. އެކަމަކު އެ ކޭސްއާއި ގުޅިގެން ސްކޫލް ތެރެއިން އެއްވެސް މީހަކަށް ބަލި ޖެހިފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، ގއ. ވިލިނގިލީ ސްކޫލާއި ދެއްވަދޫ ސްކޫލް ވަނީ ބަންދުކޮށްފައި އެވެ. ދެއްވަދޫ ސްކޫލް ބަންދު ކުރީ އެ ރަށުގައި ކޯވިޑް ފެތުރޭތީ އެވެ. ވިލިނގިލީ ސްކޫލް ބަންދު ކުރީ ދެއްވަދޫއަށް ދަތުރު ކުރި އެ ސްކޫލްގެ ދަރިވަރަކު ކޯވިޑަށް ޕޮސިޓިވް ވުމުންނެވެ.
އެ ސްކޫލްތަކުގައި ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް