ބިއްލޫރި ޕެލެއްޓެއް ވެއްޓި އޭގެ ދަށުގައި ތާށިވި މީހާ މަރުވެއްޖެ އެވެ.
މި ހަދިސާ ހިނގާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ އެވެ. މި ހާދިސާއާ ގުޅިގެން ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމް އެވެ.
އާސިމްއަކީ އެމްޕީއެލް ސަރަހައްދުން މުދާ ނެރުމުގެ މަސައްކަތުގައި އުޅޭ މަޖޫރީ އެކެވެ.
އައިޖީއެމްއެޗުން ބުނީ އޭނާ މަރުވެފައިވަނީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު ކަމަށެވެ. އާސިމްގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.
އާސިމްގެ ގައި މައްޗަށް ވެއްޓިފައިވަނީ ކޮންޓެއިނަރެއްގެ ތެރޭގައި ހުރި ބިއްލޫރި ޕެލެޓެކެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއްވެ އެވެ.
އެގޮޮތުން އާސިމްގެ ހުންކޮށި ފަޅައިގެން ގޮސް އެތެރެ ހައްޓަށް ލޭ އެޅެފައިވެ އެވެ. އަދި ކަށިތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އަލުން ހިނގޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައެއް ނުވެ އެވެ.
މި ހާދިސާގައި ޕެލެޓުތަކުގެ ދަށުގައި ދެމީހަކު ތާށިވި އެވެ. އަނެކަކަށް ވަނީ މާބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް