އެސްފީނާ އަކީ ޙަޤީޤަތެއް

އެސްފީނާއޭ ބުނުމުން ގިނަ މީހުން ދެކެނީ އެއީ އެއްވެސް ޙަޤީޤަތެއްނެތް ފުލޯކު ވާހަކަތަކެއް ކަމަށެވެ. އިހު ޒަމާނުއްސުރެންވެސް އަޑުއިވެމުން އައީ މީހަކު މީހަކަށް ތައުރީފެއް ކުރިޔަސް އެސްފިނާ ޖެހިދާނޭ ބުނާ ވ...

15 Dec 2020 | 18:52

އެސްފީނާއޭ ބުނުމުން ގިނަ މީހުން ދެކެނީ އެއީ އެއްވެސް ޙަޤީޤަތެއްނެތް ފުލޯކު ވާހަކަތަކެއް ކަމަށެވެ. އިހު ޒަމާނުއްސުރެންވެސް އަޑުއިވެމުން އައީ މީހަކު މީހަކަށް ތައުރީފެއް ކުރިޔަސް އެސްފިނާ ޖެހިދާނޭ ބުނާ ވާހަކައެވެ. ގެޔެއްގެ ރީތިކޮށް ގަހެއް ހެދިފަ ހުއްޓަ އެ ގަސް އެއްވެސް ކަމެއްނެތި ކުއްލަކަށް މޯލިވެ މަރުވިޔަސް އެއީ އެސްފީނާ ކަމަށް ބުނާ ބުނުމެވެ. އެސްފީނާއަކީ ހަމަ ޙަޤީޤަތެއް ހެއްޔެވެ? ނުވަތަ އިހުގެ މީހުން ދައްކާ ފުލޯކު ވާހަކައެއް ހެއްޔެވެ?

އެސްފީނާއަކީ ޙަޤީޤަތެއްކަމީ ކީރިތި ޤުރުޢާނާއި އަދި ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަގެ ސީރަތުން ސާބިތުވާ ކަމެކެވެ.

ކީރިތި ޤުރުޢާނުގައި ސޫރަތުލް ޤަލަމް ގެ 51ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކާފިރުވި މީހުން ޤުރުޢާން އަޑުއެހި ހިނދު, އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި, ވައްޓައިލުމާ ގާތްކުރެއެވެ. ...."

މި އާޔަތުގެ މާނައިންވެސް އެނގިގެންދަނި މިހުންގެ ނުބައި ބެލުންތަކުގެ ނުރައްކާތެރިކަމެވެ. އެސްފީނާގެ ނުރައްކާތެރިކަމާއި ނުބައިކަމެވެ.

އެސްފީނާއާ ބެހޭގޮތުން އިބްނު ޤައްޔިމް ވިދާޅުވެފައިވާ ބަސްފުޅެއްގައިވެއެވެ. "އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭ ހިނދު, ނުބައިކަން އެ އެއްޗަކަށް އަމާޒުވެ, އެ ނަފްސުގެ ވިހަ އެ ބަލައިލެވޭ އެއްޗަކަށް ފޯރުވާ ފޯރުވުމެވެ.

އެސްފީނާއާ ބެހޭގޮތުން އައިސްފައިވާ އެހެން ރިވާޔަތެއްގައި އޮވެއެވެ. އެސްފީނާއަކީ "ލޮލުގެ ވިހަ އެއްޗަކަށް އަމާޒުވެ, އެ އެއްޗަކަށް ގެއްލުން ލިބުމެވެ." މިއީ އިބްނު މަންޒޫރުގެ ބަސްފުޅެކެވެ. އަދިވެސް އެސްފީނާއާ ބެހޭގޮތުން އެހެން ރިވާޔަތެއްގައި ވެއެވެ.

އެސްފީނާއަކީ "އެދުންވެރިކަމާއެކު އެއްޗަކަށް ބަލައިލާ ބަލައިލުމެއްގެ ސަބަބުން, އޭނާގެ ނުބައި ނަފުސުގެ ޠަބީޢަތުގައިވާ ވިހަކަމުގެ އަޞަރު ފޯރައި, އެކަމުގެ ސަބަބުން އެއަށް ގެއްލުން ލިބުމެވެ." މިއީ އަލް ޙާފިޒު އިބުނު ޙަޖަރު ވިދާޅުވާ ގޮތެވެ.

މި ހުރިހާ ބަސްފުޅުތަކަކުންވެސް އެސްފީނާއަކި ހަޤީޤަތެއްކަން ފާޅުވެ އެނގެން އެބައޮތެވެ.

އެސްފީނާ ޖެހިދާނެއޭ ބުނުމުން ބައެއް މީހުންނަށް މަޖާ ކަމަކަށްވެ ޖޯކުވެސް ޖަހައި ހަދައެވެ. އެހެން ނަމަވެސް ސިޙުރާއި އެސްފީނާއިން ސަލާމަތް ވުމަށް މާތް الله ވަނީ ސޫރަތުލް ނާސް ކިޔަވަން ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމައަށް އަންގަވާފައެވެ.

އެސްފީނާ ޖެހެނީ ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ބެލޭ ބެލުމަކުން އެކަންޏެއްނޫނެވެ. އެސްފީނާއަކީ މީހުންގެ އިޚްތިޔާރާއި ލައިގެން އަދި އިޚްތިޔާރަކާ ނުލައިވެސް ޖެހޭ އެއްޗެކެވެ. މީހަކަށް ނިޢުމަތެއް ލިބޭ ހިނދު އެކަމާ ޙަޞަދަވެރިނުވެ, އެ މީހަކަށް ހެޔޮ ދުޢާ ކޮށްދިނުން މިއީ އެސްފީނާއިން ސަލާމަތްވެވޭނެ ގޮތެކެވެ. ހަމަ އެހެންމެ ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔައި ސޫރަތުލް ފާތިޙާ އަދި އިޚްލާސް, ފަލަޤް ނާސް ސޫރަތް ގިނަގިނައިން ކިޔެވުމަކީވެސް އެސްފީނާއިން ސަލާމަތްވާން އޮތް މަގެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް