ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓު ހިފެހެއްޓީ ރާއްޖެއިން ބޭރަށް ފުރަން ގޮސް އެއާޕޯޓުގައި ހުއްޓައި ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ނިހާންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.
އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމާއި ގުޅިގެން ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާސްޕޯޓު ހިފެހެއްޓީ ފުރަން ގޮސް ހުއްޓައެވެ.
މިވާހަކަތައް ދޮގުކޮށް ނިހާން ކުރި ޓުވީޓެއްގައި ވިދާޅުވީ އޭނާ މިއަހަރު ރާއްޖެއިން ބޭރަށް ފުރަން އުޅެފައި ނުވާނެ ކަމަށެވެ. އެކަމަކު އިއްޔެ މެންދުރު ނިހާންގެ ދަރިފުޅުގެ ރާއްޖެއިން ބޭރަށް ފުރަން ނަގާފައިވާ ޓިކެޓެއްގެ މުއްދަތު އިތުރު ކުރުމަށް ގަތަރް އެއާވޭސްގެ އޮފީހަށް ދިޔަ ކަމަށެވެ.
ނިހާން ވިދާޅުވީ އޭނާގެ ޕާސްޕޯޓު ހިފަަހައްޓާފައިވާކަން ފުލުހުން އެންގީ ރޭގެ ވަގުތެއްގައި އެވެ. ނިހާން ބުނީ ބަޔަކު މަސައްކަތް ކުރަމުންދަނީ ފްރޭމްކޮށް އޭނާގެ އަގުވައްޓާލަން ކަމަށެވެ.
https://twitter.com/ahmed_nihan/status/1338834547992002560
ނިހާން އާއި އެކު އެމްއެމްޕީއާރުސީގެ ހިޔާނާއި ގުޅުން ހުރި 30 މީހެއްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ކަންކަމުގެ ތަހުގީގަށް ނިހާން އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި އެނގިފައިވާގޮތުގައި އޭނާގެ ބެންކު އެކައުންޓުތަކުގެ ތަފްސީލު ވެސް ކޮމިޝަނުން ނަގާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް