ސިފައިންގެ ކޮންމެ މީހަކީ ޤާބިލް، ޕްރޮފެޝަނަލް، ހަށިހެޔޮ، "ފައިޓިންގ ފިޓް" ސޯލްޖަރއެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި، ދޭންޖެހޭ ތަމްރީނުތައް ދީ، ޤައުމަށް ކުރިމަތިވެދާނެ ނުރައްކަލުގެ ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރުކުރަނީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ނިހެން ވިދާޅުވީ ފާދިއްޕޮޅު މާފިލާފުށީގައި ހުންނަ ސިފައިންގެ ޓްރެއިނިންގ ސެންޓަރުގައި "ސެނަހިޔާ ނޮދަން" ގެ ނަމުގައި ކްލިނިކެއް ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ ޤައުމީ ވާޖިބަކަށް ސިފައިން ތައްޔާރުކުރާއިރު، ޞިއްޙީގޮތުން ސިފައިންނަށް ލިބޭ ޒަޚަމްތަކާއި ހާނިއްކަތަކާއި މިނޫންވެސް ޞިއްޙީ ފަރުވާއަށް ބޭނުންޖެހިއްޖެ ޙާލަތެއްގައި، އެޚިދުމަތް އެންމެ އެކަށޭނަގޮތުގައި ފޯރުވައިދިނުމަކީ، ޤައުމީ ސަލާމަތާވެސް ގުޅިފައިވާ މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ.
މި ކްލިނިކަކީ، ސިފައިންނަށް ޞިއްޙީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، ރައްކާތެރިކަމާއެކު، ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ކޯވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް، ވަރަށް ގުޅިގެން، އެހާމެ ފުރިހަމައަށް މިކްލިނިކްގެ މަސައްކަތް ނިންމާފައިވާތީ، ސިފްކޯއަށާއި، އެމް.އެން.ޑީ.އެފްގެ ސަރޖަން ޖެނެރަލް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދަށާއި މެޑިކަލް ކޯގެ ސިފައިންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް