އެޕޯލޯ ހޯލްޑިގްސް އިން ހުޅުމާލޭގައި 1000 ހައުސިންގ އަޅަން ނިންމައިފި

ހުޅުމާލޭގައި އިތުރު 1،000 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ. އެޗްޑީސީގެ މެނޭޖިންގ ...

15 Dec 2020 | 09:25

ހުޅުމާލޭގައި އިތުރު 1،000 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ މި މަޝްރޫޢަކީ އެޕޯލޯ ހޯލްޑިގްސް އިން ހުށައެޅި ހުށަހެޅުމަށް ކުރިއަށްގެންދިއުމަށް ހުއްދަ ދީފައިވާ މަޝްރޫޢެއް ކަމަށެވެ. އަދި މި ހައުސިންގ ޔުނިޓްގެ މަޝްރޫޢުގައި އެކި ރޭންޖުގެ ހައުސިންގ ޔުނިޓްތައް ހިމެނޭ ކަމަށެވެ.

" މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް. މިހާރު ކުރަމުންދަނީ ޕްރޮޖެކްޓްގެ ޑީޓެއިލް ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތް. އަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރު ވަނީ ތައްޔާރުވެފަ." ސުހައިލް ވިދަޅުވި އެވެ.

އޭނާ ވިދާޅުވީ މިކަމަށްޓަކައި އެޗްޑީސީން ކުރަންޖެހޭ މަސައްކަތްތަކާއި، ދޭންޖެހޭ އެއްބާރުލުން ދެމުންދާކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އެކި ޒޯންތަކަށް ބަހާލައިގެން ކަމަށާއި މިކަމަށް ބޭނުންވާ ބިންތައް ހަމަޖައްސައި، ލިޔެކިޔުންތައް އެޕްރޫވްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފަ އެވެ.

މިއަހަރުގެ އޮގަސްޓުމަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަން ވަނީ ގުޅިފަޅާއި ހުޅުމާލޭގައި 10،000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

މީގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކެވެ. ހުޅުމާލޭގައި މިހާރުވެސްދަނީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ހިންގަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް