ސިލްސިލާ ވާހަކަ: ޒާރާ - ފަންސާސް ހަވަނަބައި

''އެއްކަލަ އިންމަ....... އެއީ ނިކަމެއްޗެއް ނޫނޭ...... ވަޒީފާގަ ހުރި ޒުވާނެކޭ....... އަދި މީހަކާވެސް ނީނދެ......'' ފަހުދު އިތުރަށް އޮޅުންފިލުވައިދިނެވެ. ''ޒުވާނަކަސް އޭނާ ކިހާ ވޭނެއް ތަޙަންމަލުކޮއްފި.....

15 Dec 2020 | 09:17

''އެއްކަލަ އިންމަ....... އެއީ ނިކަމެއްޗެއް ނޫނޭ...... ވަޒީފާގަ ހުރި ޒުވާނެކޭ....... އަދި މީހަކާވެސް ނީނދެ......'' ފަހުދު އިތުރަށް އޮޅުންފިލުވައިދިނެވެ.

''ޒުވާނަކަސް އޭނާ ކިހާ ވޭނެއް ތަޙަންމަލުކޮއްފި.......... އަދިވެސް އެދަނީ ފަރުވާ ކުރަމުން...... ވަޒީފާގަ ހުއްޓަސް އަހަރެންދޭ އެއްޗަކުންވެސް އޭނާއަށް ފައިދާކުރާނެކަން ޔަގީން....... އޭނާގެ އެކައުންޓް ނަމްބަރު މަށަށް ފޮނުވާލަދޭތި ދެން ދިމާވާ ފަހަރަކުން.......'' އިމްރާން ކުރުނުކޮށް ކިޔަން ފެށުމުން ފަހުދަށް މަޖުބޫރުވީ އެއްބަސްވާށެވެ.

''ބައްދަލުވެސް ކޮއްދީފާނަން....... ގެއަށްތަ ދާންވީ ގޮވައިގެން.......'' ފަހުދު އެއްލޯމަރާލަމުން ޖެއްސުންކޮއްލިއެވެ. އެހެންނަމަވެސް ފަހުދު އެބުނި އެއްޗަކާ އިމްރާނަށް ގަޔާވެވުނެވެ. އެމީހާއާ ބައްދަލު ކުރުމަށްފަހު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުމަކީ އެކަން ކުރެވޭނެ އެންމެފުރުހަމަ ގޮތް ކަމުގައި އިމްރާނަށް ގަބޫލުކުރެވުނެވެ.

އިމްރާނާ ފަހުދު ވާހަކައިގައި ތިއްބެއްކަމަކު ޒާރާގެ ސަމާލުކަން ހުއްޓިފައިވަނީ ގާތުގައި ނުހަނު ލޯބިކޮށް ނިދާލާފައިވާ އޭނާގެ ތުއްތު ދަރިފުޅަށެވެ. އެ ދަރިފުޅަކީ ޒާރާގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހަމަޖެހުމެވެ. އެތައް ދުވަހެއް ވަންދެން ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވުނީ އެ ދަރިފުޅު ހަމަލޮލުން ދެކިލުމަށެވެ. އެ ދަރިފުޅަކީ ޒާރާގެ ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު އުފަލެވެ. ކުރިއަށް އޮތީ އެ ދަރިފުޅަށްޓަކައި ކުރެވޭ ފޮނި އުންމީދުތައް ހަޤީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތެވެ. ވާންޖެހޭ ޤުރުބާނީއެވެ. ޒާރާގެ ދެމަފިރިން ދެކެމުން އައި ހުވަފެންތަކުގެ ހަޤީގީ ކުލަޖެއްސުމުގައި ރޭދުވާ އެއްކޮއްލަން ޖެހުނުކަމުގައި ވިޔަސް ޒާރާ އެކަން ކުރާނީ ހިތުން ރުހުމުންނެވެ. ދަރިންނަކީ ﷲ އިންސާނުންނާ ހަވާލު ކުރައްވާފައިވާ އަމާނާތަކަށް ވާއިރު، އެ އަމާނާތަށް ރައްކާތެރިވުމަކީ ބެލެހެއްޓުންތެރިންގެ މައްޗަށް އޮތް ވާޖިބެއްކަން އެ ދެމަފިރިން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނެއެވެ.

ދަރިފުޅުގެ މޫނަށް ބަލަން އޮތް ޒާރާ ސިއްސައިގެން ދިޔައީ އިމްރާން އޭނާގެ މޫނުގައި ބޮސް ދިނުމުންނެވެ. ވަށައިގެން ހޯދާލެވުނީ އެއްވެސްމީހަކު ފެންނަންހުރިތޯއެވެ.

''ނެތޭ އެކަކުވެސް........ މަގޭ ލޯބިވާ އަންހެނުން މަށަށް ދީފަ އެންމެން ހިނގައްޖެ......'' އިމްރާން ޒާރާގެ މޫނަށް ނުހަނު ލޯބިން ބަލާލިއެވެ.

''ފަހުދު ދިޔައީތަ.........'' ޒާރާއަށް އަހާލެވުނީ ފަހުދުގެ ވާހަކައެވެ.

''އާނ.... ދެންމެ އެ ނިކުތީ ........ ގެއަށް އެ ދިޔައީ....... މާދަމާ ފަހުދުގެ ހާއްސަ ޕޭޝަންޓަކާ އެކު ކޮފީއަކަށްދާން ގުޅާނެކަމަށް ބުނެފަ އެ ދިޔައީ..........އެކަމަކު އަހަރެން ނުވޭ މިތަނުން ނިކުންނަހިތެއް........ '' އިމްރާން ބަލާލީ އެ ދެމީހުންގެ ލޯބީގެ ނިޝާން ކަމުގައިވާ ދަރިފުޅަށެވެ.

''ނޫނޭ...... ދާންވާނެ ........ އަބަދު މިތާ އިނީމަ މާ އަވަހަށް ފޫހިވެދާނެ........'' އިމްރާންގެ ލޮލަށް ބަލާލަމުން ޒާރާ ހިނިތުންވެލިއެވެ. ޒާރާގެ އަޑުގައިވަނީ ވަރުބަލިކަމެވެ. އޭރުވެސް އިމްރާން  އިނީ ޒާރާގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.

''ވަރަށް ލޯބި........'' އިމްރާންގެ ދުލުން ބޭރުވީ އޭނާގެ ހިތުގެ އެންމެ ފުނުގައި އުތުރި އރަމުން ދިޔަ ޝުއޫރެކެވެ. ޒާރާ ކިތަންމެހައިވެސް ރީޗެވެ. އެހެންނަމަވެސް އެ ރީތި މޫނުން ފެންނަނީ ވަރުބަލިކަމެވެ. އެ ދެލޮލަށްވަނީ ނިދީގެ އަސަރު ވެރިވެފައެވެ. އެ ދިގު އެސްފިޔަތައް ބަރުވެ ލޯ ހުޅުވަން އުނދަގޫވާހެން ހީވެއެވެ.

އެވަގުތު ޒައިދު ގުޅިއެވެ. ޒާރާ ވިހެއިކަމުގެ ޙަބަރު ލިބިގެންނެވެ. އުފާވެރި ވާހަކަކޮޅަކަށްފަހު ފޯނުބޭއްވުމަށްފަހު އިމްރާންގެ އަތުގައި ޒާރާ ހިފަހައްޓާލިއެވެ. ވިހެއުމުގެ ވޭނާ، ދީފާއިވާ ބޭހުގެ އަސަރު އެކުވުމުން ޒާރާގެ ހަށިގަނޑަށް ވަރުބަލިކަން އިހްސާސް ކުރެވެމުން ދިޔައެވެ. ނިދިއަންނަގޮތް ވާންފެށުމުން އޭނާ ލޯމަރާލިއެވެ. ނިކަން އަވަހަށް ނިދީގެ ތެރެއަށް ޒާރާ ފީނައިގަތެވެ.

************

ހޮސްޕިޓަލުގައި ފަސްދުވަސް ހޭދަކުރުމަށްފަހު ގެއަށް ދިއުމުގެ ހުއްދަ ޒާރާއަށް ލިބުނެވެ. ޒާރާގެ ހާލު ރަނގަޅުނަމަވެސް ފުރަތަމަ ދެދުވަހު ދަރިފުޅަށް ދިމާވި ރީނދޫ ވުމުގެ މައްސަލައާ ގުޅިގެން މަޑުކުރަންޖެހުނެވެ. އެހެންކަމުން ގެއަށް ފޮނުވުން ދެތިން ދުވަސް ފަސްވީއެވެ.

ހޮސްޕިޓަލުގައި ޒާރާ ހޭދަކުރި ދުވަސްތަކުގައި އެތަނަށް ނާޒިމާ އައިސްއުޅުނީ ވަރަށް މަދުންނެވެ. އެހެންނަމަވެސް އެހެން ހުރިހާ އެންމެން ވަރަށް ގިނަވަގުތު ޒާރާއާއި ބޭބީ ގާތުގައި ހޭދަކުރިއެވެ. ހާއްސަކޮށް ސަރީފާއެވެ. ފެންވަރާލަން ނޫންގޮތަކަށް އޭނާ ގެއަކަށް ނުދެއެވެ. ބޭބީ ނުފެންނަ ހިސާބަށް ދާން އޭނާގެ ހިތް ނޭދޭތީއެވެ.

ހާމިދު ހަމަ އެފަދައެވެ. ނާޒިމާ އެއްޗެތި ގޮވާއިރުވެސް ގޭގައި ހުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ރޭނގަޑު ފިޔަވާ ހުރިހާ ވަގުތެއްހެން ހޭދަކުރީ ކާފަދަރިފުޅު ގާތުގައެވެ. އެކަމުން ހާމިދަށާއި ޒާރާއަށްވެސް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދިނެވެ.

އިމްރާނަށް ޗުއްޓީދީފައި އަލިބެ ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ވިޔަފާރީގެ ކަންތަކުގައެވެ. އެހެންކަމަށް ވިޔަސް އާއިލާ ހުރިހާކަމެއް ބަލަހައްޓަމުން ދިޔައީ ސީދާ އަލިބެގެ ބެލުމުގެ ދަށުންނެވެ. އެއްވެސް ކަމަކަށް ދިތިވިޔަކަ ނުދެއެވެ. ގެއަށް ބޭނުންވާ ހުރިހާ ސާމާނުގެ އިތުރުން ބޭބީއަށް ހާއްސަކޮށް ހޯދި ތަކެއްޗާ ވީ ތައްޔާރީތައް ގެންދިޔައީ ސީދާ އަލިބެގެ ބެލުމުގެ ދަށުންނެވެ.

ފަހުދުވެސް ވަގުތު ހޯދައިގެން ޒާރާ ދެކިލަން ރޫމަށް ދެއެވެ. ބޭބީގެ ގިނަ ކަންތައްވެސް ކުރިއަށް ގެންދިޔައީ ފަހުދުގެ އިރުޝާރުގެ ދަށުންނެވެ. އެހާ ލޯބިލިބިގެން އެހާ ހިތްހެޔޮ ބައެއް ތިބި އާއިލާގެ މެންބަރަކަށް ވުމުގެ ނަސީބު ލިބުނީތީ ޒާރާ އިންތިހާއަށް އުފާކުރެއެވެ.

ޒާރާގެ ދެމައިން ގެއަށް ބަދަލުވި ދުވަހަކީ އެ ގޭތެރޭގައި އުފާވެރިކަން އިންތިހާއަށް ދިޔަ ދުވަހެކެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމާ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އިވެނީ ހުނުމާ ހިތްއުފާވާފަދަ ވާހަކަތަކެވެ. އެހެންނަމަވެސް ނާޒިމާގެ މޫނުމަތިން ފެންނަ ކުލަވަރު މުޅިން ތަފާތެވެ. ޒާރާ ވިހޭފަހުން ނާޒިމާއަށް ވަނީ ފާހަގަކުރެވޭފަދަ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިން އެވަރަށް އަނގަތަޅާ ނާޒިމާގެ އަނގައިން ބަސްހުސްވެފައިވާ ކަހަލައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. އެކަމާ ސަރިފާގެ އިތުރުން އަލިބެވެސް ސުވާލުކުރިމެއެވެ. ނަމަވެސް ބަލިވެ އުޅޭކަމަށްބުނެ ނާޒިމާ ވާހަކަ ކުރުކޮއްލައެވެ.

ކޮޓަރިއަށް ވަނުމަށްޓަކައި ދޮރުހުޅުވާލަދިނީ އިމްރާނެވެ. އެވަގުތު ރީތި ހިނިތުންވުމަކާއެކު ''ވެލްކަމް ބެކް'' އޭ ފަހުދު ބުނެލީ ޒާރާގެ ކުރިން އެކޮޓަރިއަށް ދެމިގަންނަމުންނެވެ. ކޮޓަރިއަށް ވަނުމަށް އެއްފައި އެތެރެއަށް އަޅައިގެން ހުރި ޒާރާއާއި، ދޮރުހުޅުވައިގެން އެއްފަރާތެއްގައި މަޑުކޮއްގެންހުރި އިމްރާނާ ދެމެދުގައިވާ ހަނި ދޭތެރެއިން ފަހުދު އެރިގަތްގޮތުން ޒާރާގެ ހަށިގަނޑު ފަހުދުގެ ހަށިގަނޑާ ޖެހި، ފިތި ބާރުވެގެން ދިޔައެއެވެ. ފަހުދުގެ އެ ހަރަކާތުގެ ސަބަބުން ޒާރާ އިންތިހާއަށް ލަދުގަތް ނަމަވެސް ފަހުދުހުރީ ނިކަން ހަމަޖެހިފައެވެ. ވަށައިގެންތިބި އެހެންމީހުނަށްވެސް ފަހުދުގެ އެ ހަރަކާތް ވަރަށް ކަމުދިޔަކަން އެނގުނީ އެންމެން އެއްފަހަރާ ހީނގަތީމައެވެ.

''ވަދޭ.......ވަދޭ........'' ފަހުދު އެއަތް ފުޅާކޮއްލަމުން ޒާރާއަށް ވަނުމަށް އިޝާރާތް ކޮއްލިއެވެ.

''އެ ތެދެއް....... އަވަހަށް ވަދޭ ދަރިފުޅާ............'' ޒާރާގެ ތުއްތު ދަރިފުޅު މޭގައި ޖައްސާލައިގެންހުރި ސަރީފާ ކުރިއަށް ޖެހިލިއެވެ.

ޒާރާ އެތެރެއަށް ވަނެވެ. ލިބުނު ހައިރާންކަމުގައި ކޮޓަރިތެރެއަށް ވަށައިގެން ބަލާލެވުނެވެ.  ބޭބީއަށް މަރުޙަބާ ކިޔުމަށްޓަކައި ކުރީއްސުރެ ރާވާފައިވާ ހުރިހާރޭވުމެއް ވަރަށް ފުރިހަމައަށް އެކޮޓަރިތެރެއިން ފެންނަން ހުއްޓެވެ.

އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކޮޓަރިއަށް ގެނެސްފައިވާ ބަދަލުތައް ފެނިފައި ޒާރާ ހުރީ އަންތަރީސްވެފައެވެ. އެ ބަދަލުތަކުގެ ސަބަބުން ކުރިއަށްވުރެވެސް އެ ކޮޓަރި ފުރިހަމަވެފައި ރީއްޗެވެ. ޚާއްސަކޮށް ބޭބީ އަށްޓަކައި ތައްޔާރުކޮއްފައިވާބައެވެ.

ކޮޓަރީގެ ވަކި ސަރަހައްދެއްވަނީ ކުޑަދަރިފުޅަށްޓަކައި ޚާއްސަ ކުރެވިފައެވެ. އެ ސަރަހައްދު ވަނީ ފިޔާތޮށި ކުލައިގެ ޑެކަރޭޝަންތަކުން ފަޅުފިލުވާލެވިފައެވެ. ބޭބީއަށް ޙާއްސަ ކުޑައެނދާ، ހެއްލާ އެނދުގެ އިތުރުން ބޭބީ ބާއްވާނެ ކޮށިތަކެވެ. ތަފާތު ކުލަކުލައިގެ ކުޅޭސާމާނެވެ. އަޑުގޮއްވާ ކުޅޭއެއްޗިއްސާ އެކި ކުލަކުލައިން ދިއްލޭ ކުޅޭއެއްޗިހިވެސް މަދެއް ނޫނެވެ. ބޭބީގެ ހެދުންތައް ބަހައްޓާނެ ވަކި އަލަމާރިއެއްހުރިއިރު އެ އަލަމާރީގެ ވަތްގަނޑުތައް ފުރުފައިވަނީ އެކި ސައިޒުގެ ރީތި ހެދުންތަކުންނެވެ.

ޝުކުރުވެރިކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ޒާރާއަށް ބަލާލެވުނެވެ.

''ތެންކިޔޫ......... ވަރަށް ހިތްގައިމު.......'' ޒާރާ މަޑުމަޑުން ކޮޓަރިތެރޭގައި ހިނގާލިއެވެ.

_______________________________________

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް