މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ކަމަށް ސަންގު ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ އަދި ނައިބު ރައީސްކަަށް ތިލަދުންގެ ޗީފް އެޑިޓަރު ހުސައިން ޘަޤީފް އިންތިހާބު ކޮށްފި އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް އަލަށް ހޮވުނު މެމްބަރުން ދައުރު ފެށުނީ މިއަދު އެވެ. މިއަދު ވަނީ އަލަށް ހޮވުނު މެމްބަރުންނާއި އެކު ފުރަތަމަ ޖަލްސާ ބާއްވާފައި އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ކަމަށް ޝަހުބާން އާއި އެކު އިތުރު ދެ ބޭފުޅަކު ވާދަ ކުރި އެވެ. އެއީ ޕީއެސްއެމްގެ އަލީ ހުސައިންއާއި އާންމުންގެ ތެރެއިން އިންތިހާބުވި މެމްބަރު މުހައްމަދު ޝަފާއު އެވެ.
ރައީސްކަމަށް ޝަހުބާން ހޮވުނީ، ހަ ވޯޓުންނެވެ. އަލީ ހުސައިނަށް ފަސް ވޯޓު ލިބުނު އިރު، ޝަފާއުއަށް ލިބުނީ ތިން ވޯޓެވެ.
ނައިބު ރައީސްކަމަށް ވާދަ ކުރެއްވީ ޘަޤީފް އެކަންޏެވެ. އޭނާ އެ މަގާމަށް އިންތިހާބުވީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން، 14 މެމްބަރުންގެ ތާއީދާއެކުގައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ.
އެ މެމްބަރުން އިންތިހާބު ކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް