ބޮލީވުޑްގެ "ބާގީ" ސީކުއެލްގެ ހަތަރު ވަނަ ފިލްމު ކަމަށްވާ "ބާގީ 4" ގައި ފެނިގެންދާނީ މުޅިން އާ އަންހެން ތަރިއެއް ކަމަށް ބެލެވެން ފަށައިފި އެވެ.
"ބާގީ" ގެ ހުރިހާ ފިލްމެއްގައި ފިރިހެން ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ޓައިގާ ޝްރޮފް އެވެ. އަންހެން ލީޑްރޯލުން ފެނިގެން ގޮސްފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ޝްރައްދާ ކަޕޫރު އަދި ދިޝާ ޕަޓާނީ އެވެ.
އެހެންވެ "ބާގީ 4" އަށް އިންތިޒާކުރާ ގިނަ ބަޔަކު ގަބޫލު ކޮށްގެން ތިބީ މި ފިލްމުގައިވެސް އަންހެން ލީޑްރޯލުން ފެނިގެން ދާނީ އެ ދެ ތަރިން ކަމަށެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން "ބާގީ 4" ގެ ޑައިރެކްޓަރު އަހުމަދު ހާން ބުނީ މިފަހަރު ވިސްނުން ހުރީ މުޅިން ތަފާތު ކޮށްލުމަށް ކަމަށެވެ. އެގޮތުން އެންމެ ފުރުސަތު ބޮޑީ މުޅިން އާ އަންހެން ތަރިއެއް މި ފިލްމުން ތައާރަފު ވުން ކަމަށް ބުނެފައިވެ އެވެ.
އެކަމަކު އެ ބަތަލާ ހޯދުމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދީފައެއް ނުވެ އެވެ.
"ބާގީ" ގެ ހުރިހާ ފިލްމުތަކަކީވެސް ވަރަށް ކާމިޔާބު ފިލްމުތަކެކެވެ. އެންމެ ފަހުން ކޯވިޑް-19 ގެ ލޮކްޑައުން ތެރޭގައި އިންޓަނެޓްގައި ރިލީޒް ކުރަން ޖެހުނީ "ބާގީ 3" އެވެ.
އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބި ޓީވީ ރައިޓްސްވެސް ގިނަ ޗެނަލް ތަކަކަށް ވިއްކާފައިވެ އެވެ. ޑައިރެކްޓަރު އަހުމަދު ބުނީ ފިލްމަށް ލިބުނު ތާއީދަށް ބެލުމަށް ފަހު "ބާގީ 3" އަލުން ސިނަމާތަކުގައި އަޅުވަން ނިންމާފައިވާ ކަމަށެވެ.
މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް