މުސްލިމުން ވަޅުލާން ގެންނަނަމަ އެކަންވާނީ ލަންކާ ސަރުކާރުގެ އަމަލުތަކަށް ތާއީދު ކުރުމަށް: މައުމޫން

ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖެއަށް ވަޅުލާން ގެނައުމަކީ އެގައުމުގައި މުސްލިމުންނާއި މެދު އަމަލު ކުރެވެމުންދާ ގޮތަށް ތާއީދު ކުރުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައް...

15 Dec 2020 | 06:50

ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖެއަށް ވަޅުލާން ގެނައުމަކީ އެގައުމުގައި މުސްލިމުންނާއި މެދު އަމަލު ކުރެވެމުންދާ ގޮތަށް ތާއީދު ކުރުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކޯވިޑްގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ ރާއްޖޭގެ އެހީއަށް އެދުނީ އެގައުމުގެ ރައީސް ގޯޔާބަޔަ ރާޖަޕަކްސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އެވެ. އެ ސިޓީ އާއި ގުޅިގެން ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ރައީސް ސޯލިހު މަޝްވަރާ ފައްޓަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މި މައްސަލައިގަ ދިވެހި ސަރުކާރާއި ދެކޮޅަށް އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ ރައީސް މައުމޫނެވެ. މައުމޫން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ކޯވިޑްގައި މަރުވާ ބިދޭސީން ރާޢްޖެއަށް ވަޅުލާން ގެނައުމަށް ތައީދު ނުކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.

މައުމޫންގެ އެ ޓުވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ދީނީ ގޮތުން މައުމޫން ދެކެވަޑައިގެންނަވާ ގޮތް ހާމަކުރައްވާފައި ނުވާކަން ފާހަގަ ކުރައްވާފައި އެވެ. އެހެންވެ މައުމޫން މިއަދު ވަނީ އެކަމުގައި ދީނީ ގޮތުންނާއި ސިޔާސީ ގޮތުން ދެކޮޅު ހައްދަވާ ސަބަބު ހާމަކޮށްދެއްވާފައި އެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ދިވެހިން ކޮށްދޭންޖެހޭނެ ކަމެއްނޫން ކަމަށެވެ. އަދި އެ އިންތިޒާމްތައް ހަމަޖައްސައިދީފި ނަމަ އެކަންވާނީ ލަންކާ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށް މައުމޫން ވިދާޅުވި އެވެ.

https://twitter.com/maumoonagayoom/status/1338728737408307200

މި މައްސަލައިގަ ދީނީ އިލްމުވެރިންގެ މެދުގައިވެސް ހިޔާލު ތަފާތެވެ. ބައެއް އިލްމުވެރިން މުސްލިމް އަހުންނަށް އެހީވުމުގެ ގޮތުން ލަންކާގައި ކޯވިޑްގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމަށް ތާއީދު ކުރާކަމަށް ވިދާޅުވި އެވެ.

މިކަމާއި ދެކޮޅު ހައްދަވާ އިލްމުވެރިން ވިދާޅުވީ ޝަރުޢީ އުޒުރެއް ނެތި މަރުވާ ރަށުން އެހެންތަނަކަށް މައްޔިތާ ބަދަލުކުރުމަކީ އެދެވޭ ކަމަކަށް ނުވާ ކަމަށާއި އެއްގައުމުން އަނެއް ގައުމަށް ގެންދިއުމަށް ހޭދަ ކުރަން ޖެހޭ ވަގުތުގެ ސަބަބުން މައްޔިތާއި ވަޅުލުން އަވަސް ކުރުމަށް ފުށޫ އަރާ ކަމަށެވެ.

ކޯވިޑް-19 ފެތުރެން ފެށުމާއި އެކު ލަންކާއިން މިއަހަރު ކުރީ ކޮޅުވަނީ އެ ގައުމުގައި މި ބަލީގައި މަރުވާ ހުރިހާ އެންމެން އަންދާލާނީ ކަމަށް ބުނެފައި އެވެ. އަދި މިހާތަނަށް މި ބަލީގައި އެ ގައުމުގައި މަރުވި މުސްލިމުންނާއި ކްރިސްޓިއަނުން ވަނީ އަންދާފައި އެވެ.

މިކަމާއި ގުޅިގެން އެ ގައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރަމުންނެވެ.

ލަންކާގައި ހުރިހާ ދީނަކަށް ފުރުސަތު ދިން ނަމަވެސް މައި ސަރުކާރަކީ ބުދިސްޓު ސަރުކާރެކެވެ. އެ ގައުމުގެ އާބާދީގެ 70 ޕަސެންޓު މީހުންނަކީ ބުދިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް