ފިރްޢައުނުގެ ވާހަކަ އަކީ ވަރަށް ގިނަ މީހުން ދަންނަ ވާހަކައެކެވެ. ނަމަވެސް އެވާހަކައިން ޢިބްރަތް ލިބިގަންނަނީ ވަރަށް މަދުބައެކެވެ. ކީރިތި ޤުރްއާނުގައި ފިރްޢައުނު ގެ ވާހަކަ ވަރަށް ގިނައިން އައިސްފައި ވެއެވެ، އޭގައި ވަރަށް ބޮޑު ޙިކްމަތެއްވާނެ ކަން ޔަޤީނެވެ. ވަކިން ޚާއްޞާކޮށް ފިރްޢައުނުގެ ވާހަކައިގައި ﷲ އެބައިމީހުންނަށް ވެރިކަން ދެއްވި މީހުންނަށް ވަރަށް ވެސް ގިނަ ގުނަ ޢިބްރަތްތަކެއް ވެއެވެ.
ފިރްޢައުނަކީ މިޞްރުގެ ރަސްގެފާނެވެ. އޭނާ މިޞްރުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއްވުމުން ، އެނާ މަރުނުވާނެކަމަށް އޭނާއަށް ހީކުރެވުނެވެ. ދެން އޭނާގެ ރައްޔިތުންނަކީ އޭނާގެ އަޅުން ކަމަށް އޭނާ އަށް ފެންނަށް ފެށިއެވެ. ދުވަސްތަކެއްނުވެ މޫސާގެ ފާނުގެ ފިރްޢައުނުގެ ގޭތެރެއިން ތަރުބިއްޔަތުވެގެން ނިކުވެވަޑައިގެން ﷲ ގެ ދީނަށް ގޮވާލެއްވިއެވެ.
ނަމަވެސް މޫސާ އެދައްކަވަނީ ދީނުގެ ވާހަކަ ކަމުން ބިއްމަތީގައި ފަސާދަކުރާ މީހެކޭ ބުނެ މޫސާގެފާނު ބަދުނާމު ކުރިއެވެ. އަދި ޤައުމުގެ މީހުންނަށް އެންގިއެވެ. ކަލޭމެން ތިޔަތިބީ ޙައްޤު ދީން މަތީގައެވެ. މޫސާ ބިންމަތި ފަސާދަކޮށް ކަލޭމެންގެ ދީން ބަދަލު ކޮށްފާނެ ކަމަށް އަހަރެން ބިރު ގަންނަމެވެ. މާތް ﷲ މި ކަންބަޔާންކުރަށްވަމުން ވަޙީކުރެއްވިއެވެ.
(( وَقَالَ فِرْعَوْنُ ذَرُونِي أَقْتُلْ مُوسَى وَلْيَدْعُ رَبَّهُ إِنِّي أَخَافُ أَنْ يُبَدِّلَ دِينَكُمْ أَوْ أَنْ يُظْهِرَ فِي الأَرْضِ الْفَسَادَ )) (سورة غافر :26 )
މާނައީ : '' އަދި ފިރްޢައުނު ބުންޏެވެ : މޫސާ މަރައިލުން ، ޚުދު އަހުރެންނަށް ، އެކަނި ދޫކޮށްލައިފައި ބާއްވާހުށިކަމެވެ ! އަދި އޭނާ ، އޭނާގެ ވެރިރަސްކަލާންގެ އެހީއަށް އެދި ނިކަން ގޮވައިބަލާށެވެ! ހަމަކަށަވަރުން އަހުރެން ، ބިރުގަންނަނީ އޭނާ ކަލޭމެންގެ ދީން ބަދަލުކޮށްލައިފާނެތީއެވެ. ނުވަތަ އޭނާ ރަށުތެރޭގައި ފަސާދަވެރިކަން ފަތުރައި ޢާންމުކޮށްލައިފާނެތީއެވެ .''
އަދި ފިރްޢައުނު މޫސާގެފާނާއި މުޚާޠަބުކޮށް ބުންޏެވެ. '' އަހަރެން ނޫން އެހެން އިލާހަކު ވޭބުނެ ، ތިބާ ވާހަކަދައްކާ އުޅޭނަމަ ތިބާ ޖަލައްލާހުށީމެވެ'' މިވާ ހަކަ ބަޔާން ކުރައްވަމުން މާތް ﷲ ސޫރަތުއްޝުޢަރާއުގެ 29 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. (( قَالَ لَئِنِ اتَّخَذْتَ إِلَهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ )) (سورة الشعراء:29) މާނައީ : '' ފިރުޢައުނު މޫސާގެފާނަށް ދެންނެވިއެވެ : ކަލޭގެފާނު ތިމަންފިޔަވައި އެހެން އިލާހަކުވާކަމަށް ބުނަނީނަމަ ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރޭގައި ކަލޭގެފާނު ލަހުށީމެވެ . ''
ދެން ފަހެ ފިރްޢައުނު އޭނާ އަށް ލިބުނު މޮޅުކަމާއި ، މިސްރުގެ ވެރިކަމާއި ، ވަށައިގެންވާ ޚަޒާނާތަކާއި ، ކޯރުތަކާއި މިފަދަ ކަންކަމާ މެދު ފަޚުރުވެރިވެ ، އެއިން ޤައުމުގެ މީހުން ހައްލައިހެދިއެވެ. އެވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ޒުޚްރުފް ސޫރަތުގެ 54 – 56 އަށް ބަސްފުޅު ވަޙީކުރައްވާފައިވެއެވެ: (( فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ (*) فَلَمَّا آَسَفُونَا انْتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ (*) فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِلْآَخِرِينَ )) (سورة الزخرف:54-56) މާނައީ : ފަހެ މިގޮތުން ފިރުޢައުނު އޭނާގެ ޤައުމުގެ މީހުން ހައްލައި އެމީހުން އޭނާއަށް ކިއަމަންވޫއެވެ. ހަމަކަށަވަރުން އެމީހުންވީ ފާސިޤު ނުބައި ބައެއްކަމުގައެވެ. ފަހެ އެބައިމީހުން ތިމަން ﷲ ގެ ޙަޟްރަތަށް ނުކިޔަމަންތެރިވުމުގެ ސަބަބުން އެބައިމީހުންނަށް ކޯފާލައްވައި އިންތިޤާމް ހިއްޕެވީމެވެ. އަދި އެބައިމީހުން އެންމެން ޣަރަޤުކުރެއްވީމެވެ. އަދި އެމީހުންނީ އެހެންމީހުންނަށް ޢިބްރަތް ލިބެނިވި މިސާލެއްކަމުގައި ތިމަން ﷲ ލެއްވީމެވެ.
މިހުރިހައިކަމަކުންވެސް ފިރްޢައުނުގެ ހިތައް ހިންހަމަޖެހުމެއް ނުކިބުނެވެ. ނަތީއްޖާއަކީ ޤައުމުގެ މީސްތަކުން އެއްކޮށް ، އޭނާ އަކީ އިލާހަކު ކަމަށް ބުނެ އެކަން އިޢްލާން ކުރުމެވެ. އެހިނދު ﷲ ގެ ވަޢްދުފުޅު އައިސް ، ގަދަފަދަވެގެންވާ ހިއްޕެވުމަކުން ﷲ އޭނާ ހިއްޕެވިއެވެ.އައްނާޒިޢާތު ސޫރަތުގެ 23 - 26 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (( فَحَشَرَ فَنَادَى (*) فَقَالَ أَنَا رَبُّكُمُ الْأَعْلَى (*) فَأَخَذَهُ اللَّهُ نَكَالَ الْآَخِرَةِ وَالْأُولَى (*) إِنَّ فِي ذَلِكَ لَعِبْرَةً لِمَنْ يَخْشَى )) (سورة النازعات:23-26) މާނައީ : ދެން ( ފިރުޢައުނު ) މީސްތަކުން އެއްކޮށް ގޮވައިލިއެވެ . އަދި ، ބުންޏެވެ . ތިމަންނާއީ ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާންގެއެވެ . ނުވަތަ ވެރިޔާއެވެ. ދެން މާތް ﷲ އޭނާ ގެންދެވިއެވެ. ދުނިޔެއާއި އާޚިރަތުގެ ޢުޤޫބާތެއްގެ ގޮތުންނެވެ . ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން އެކަމުގައިވެސް ޢިބްރަތެއް ވާކަން ކަށަވަރެވެ.
މަޝަދަރު: ނޫރުލް އިސްލާމް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް