ކޯވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލަން އިސްލާމިކް މިނިސްޓަރު ތާއީދު!

ކޯވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންގޮސް ވަޅުލާން ރާއްޖެ ގެނައުމަށް ތައީދު ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވި...

15 Dec 2020 | 03:16

ކޯވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންގޮސް ވަޅުލާން ރާއްޖެ ގެނައުމަށް ތައީދު ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކޯވިޑްގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ ރާއްޖޭގެ އެހީއަށް އެދުނީ އެގަުއމުގެ ރައީސް ގޯޔާބަޔަ ރާޖަޕަކްސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އެވެ. އެ ސިޓީ އާއި ގުޅިގެން ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ރައީސް ސޯލިހު މަޝްވަރާ ފައްޓަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު މި މައްސަލައިގަ ދީނީ އިލްމުވެރިން ގެންދަވަނީ ދެ ގޮތަށް ހިޔާލު ފާޅު ކުރައްވަމުންނެވެ.

އެގޮތުން ބައެއް އިލްމުވެރިން ވިދާޅުވީ މުސްލިމް އަހުންނަށް އިހާނެތިކޮށް ހިތަމުންދާ މިފަދަ ދަނޑިވަޅެއްގައި އެހީތެރިވުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. މި މައްސަލައާއި ދެކޮޅު ހައްދަވާ އިލްމުވެރިން ވިދާޅުވީ ޝަރުޢީ އުޒުރެއް ނެތި މަރުވާ ރަށުން އެހެންތަނަކަށް މައްޔިތާ ބަދަލުކުރުމަކީ އެދެވޭ ކަމަކަށް ނުވާ ކަމަށާއި އެއްގައުމުން އަނެއް ގައުމަށް ގެންދިއުމަށް ހޭދަ ކުރަން ޖެހޭ ވަގުތުގެ ސަބަބުން މައްޔިތާއި ވަޅުލުން އަވަސް ކުރުމަށް ފުށޫ އަރާ ކަމަށެވެ.

https://twitter.com/AhmedZahirAli/status/1338543553048322049

ކޯވިޑް-19 ފެތުރެން ފެށުމާއި އެކު ލަންކާއިން މިއަހަރު ކުރީ ކޮޅުވަނީ އެ ގައުމުގައި މި ބަލީގައި މަރުވާ ހުރިހާ އެންމެން އަންދާލާނީ ކަމަށް ބުނެފައި އެވެ. އަދި މިހާތަނަށް މި ބަލީގައި އެ ގައުމުގައި މަރުވި މުސްލިމުންނާއި ކްރިސްޓިއަނުން ވަނީ އަންދާފައި އެވެ.

މިކަމާއި ގުޅިގެން އެ ގައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރަމުންނެވެ.

ލަންކާގައި ހުރިހާ ދީނަކަށް ފުރުސަތު ދިން ނަމަވެސް މައި ސަރުކާރަކީ ބުދިސްޓު ސަރުކާރެކެވެ. އެ ގައުމުގެ އާބާދީގެ 70 ޕަސެންޓު މީހުންނަކީ ބުދިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް