މެމްބަރު ޔައުގޫބުގެ ގޮނޑީގެ މައްސަލައިގާ ހުކުމް އިއްވުން މާދަމާ 11 ޖަހާއިރު

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން ހުށަހެޅި މައްސަލައިގެ ހުކުމް އަންނަ މާދަމާ 11 ޖަހާއިރު ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ...

15 Nov 2020 | 13:58

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން ހުށަހެޅި މައްސަލައިގެ ހުކުމް އަންނަ މާދަމާ 11 ޖަހާއިރު ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ.

މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުސަތު އަރުވާފައެވެ. އަދި ބެންޗުން ވަނީ މައްސަލައާ ގުޅޭގޮތުން ފަހު ބަސް ވިދާޅުވުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާފައެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި ފަނޑިޔާރު ހުސްނުއްސުއޫދު އިންނަވާ އިރު، ސުއޫދު ވަނީ މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ ބައްލަވަނީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދާއި، ޑރ.މުހައްމަދު އިބްރާހިމް އަދި އަލީ ރަޝީދު ހުސައިން ހިމެނިވަޑައިގަންނަވާ ބެންޗަކުން ނެވެ.

މެމްބަރު ޔައުގޫބުގެ ގޮނޑިއާ މެދު ސުވާލު އުފެދުނީ ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސި ހިސާބުން ނެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ.

ގާނޫނީ ވަކީލުން މިކަން ފާހަގަކުރަން ފެށުމާއެކު ޔައުގޫބު ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް