މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް މުހައްމަދު އިމްރާން އަދުނާން އައްޔަންކޮށްފި އެވެ.
އޮންލައިންކޮށް އެމްޓީސީސީއިން މިއަދު ހަވީރު ބޭއްވި އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (ހާއްސަގޮތުން ކުރާ އާންމު ޖަލްސާ)ގައި މުހައްމަދު އިމްރާން އަދުނާން އެ މަގާމަށް އައްޔަންކުރީ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ 78 ޕަސަންޓު ވޯޓު ލިބިގެންނެވެ.
މުހައްމަދު އިމްރާން އަދުނާންގެ އިތުރުން އާއްމު ހިއްސާދާރުންގެ ބޯޑަށް ކުރިމަތިލީ އަބްދުﷲ ސައީދު އެވެ. އޭނާއަށް ލިބިވަޑައިގަތީ ބައްދަލުވުމުގައި ބައިވެރިވި 63 ބޭފުޅުންގެ ވޯޓެވެ. އެއީ ވޯޓުގެ 22 ޕަސަންޓެވެ. ބައިވެރިވުމުގައި ބައިވެރިވީ 311 ބޭފުޅުންނެވެ. މުހައްމަދު އިމްރާންއަކީ ކުރިންވެސް އެމްޓީސީސީގެ ބޯޑް ޑިރެކްޓަރު ކަމުގެ މަގާމް ފުރުއްވާފައިވާ ފަރާތެކެވެ. އަބްދުﷲ ސައީދުވަނީ އެމްޓީޑީސީގެ ބޯޑް ޑިރެކްޓަރުކަން ކުރައްވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ އެމްޓީސީސީގެ ޗެއާމަން މުހައްމަދު ފަހީމު އެވެ. ދެން އެމްޓީސީސީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވީ ސީއީއޯ އާދަމް އާޒިމް، ސީއޯއޯ ޝަހީދު ހުސެއިން މޫސާ، ނަން އެގްޒެކެޓިވް ޑިރެކްޓަރު ސިނާން އަލީ، ނަން އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ފަރީދުުގެ އިތުރުން ނަން އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދު އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޗެއާމަން ޝަހީމު ވިދާޅުވީ، ޑިރެކްޓަރުންގެ ބޯޑުގެ މިންނެތް މަސައްކަތުން ކުންފުނި ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުންދާ ކަމަށެވެ. އަދި އެގޮތުގައި އެ އުއްމީދުގައި ބޯޑުގެ މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އުއްމީދޔު ކުރައްވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުންދާ އެމްޓީސީސީގެ މުވައްޒިފުންގެ މަސައްކަތް ބަލައިގަނެ އެ މުވައްޒިފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް