ބިދޭސީ ކުދިންނަށްވެސް ހަމަހަމަކަމާއެކު ތަޢުލީމީ ނިޒާމުން އުނގެނުމުގެ ހައްގު ލާޒިމުކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ތަޢުލީމުގެ ގާނޫނާ ބެހޭ މަޢުލޫމާތުދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.
ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ އެ ގާނޫނު އެކަށައެޅިފައިވަނީ ދިހަ ބާބެއްގެ މައްޗަށް ކަމަށާއި މައިގަނޑު ފަސް މަގުސަދެއް ވާ ކަމަށެވެ.
އެގޮތުން ފުރަތަމަ މަގުސަދަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ، އުނގެނުމުގެ ހައްގު ދަރިވަރުންނަށް ކަށަވަރު ކޮށްދިނުމާއި މުދައްރިސުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ. އަދި ދެވަނަ މަގުސަދަކީ އުނގެނުމުގެ ހައްގު ކަށަވަރުކޮށްދިނުމުގައި ދައުލަތާއި ބެލެނިވެރިންނާ، މައިންބަފައިން އަދި މުދައްރިސުންގެ ޒިންމާތައް ކަނޑައަޅާ، އެ ޒިންމާތައް އަދާނުކޮށްފިނަމަ، ޢަމަލުކުރެވޭނެ ގޮތް ކަނޑައެޅުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ތިންވަނަ ކަމަކީ ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާ އަދި އިސްލާމީ ތަރުބިއްޔަތު ދަރިވަރުންނަށް ދެވޭނެފަދަ މާހައުލެއް ގާއިމުކުރުމާއި އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރާ ސުލްހަމަސަލަސް ކަމާއެކު ދިރިއުޅެވޭނެ ގޮތްތައް ދަރިވަރުންނަށް އަންގައިދީ، އެކަމަށް ބާރުއަޅާ ތަޢުލީމީ ނިޒާމެއް އެކަށައެޅުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން ގައުމީ ވާޖިބުތަކަށް އަހުލުވެރި، މުޖުތަމަޢުގެ ޒިންމާދާރު ދައުރެއް އަދާކުރާނެ ދަރިވަރުންތަކެއް ސްކޫލު ނިޒާމުން ބޭރުކުރުން ހިމެނޭ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ބިދޭސީ ކުދިންނަށްވެސް އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާއެކު ތަޢުލީމީ ނިޒާމުން އުނގެނުމުގެ ހައްގު ލާޒިމު ކުރާ ކަމަށެވެ.
ހުރިހާ ގްރޭޑެއްގެ ހުރިހާ ލެވެލްތަކެއްގައި ވެސް ދީނީ ތަރުބިއްޔަތާއި ދިވެހި މާއްދާ ކިޔަވައިދިނުމަށް ބިލުގައި ވަރަށްބޮޑަށް ސަމާލުކަންދީފައިވާ ކަމަށާއި ދުޅަހެޔޮ ސިއްހަތަކަށް ފަހި މާހައުލެއް ސްކޫލު ތެރޭގައި ގާއިމުކުރަން ބިލުގައި ލާޒިމު ކުރާ ކަމަށް ވެސް ޑރ. ޢައިޝަތު ޢަލީ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް