އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އެންމެ ގައުމަކުން ލިބޭނެ ކަމަށް ލަފާކޮށްފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަންބޮޑުން ފާޅުކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ކޮމިޓީން ބޭއްވި ބައްދަލުވުމަށް އޮޑިޓް އޮފީހުން ވަނީ ބަޖެޓުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައި އެވެ. އެ ޕްޒެޒެންޓޭޝަނެއްގައި ބުނީ ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބޭނެ ކަމަށް ބަޖެޓްގައި އަންދާޒާކޮށްފައިވާ ފައިސާގެ ހަތަރުބައިކުޅަ ތިން ބަޔަށްވުރެ ބޮޑުބައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ އެންމެ ގައުމަކުން ކަމަށެވެ.
އަންނަ އަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި އެކިއެކި ގައުމުތަކުން 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 1.82 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އިންޑިއާ އިންނެވެ.
އޮޑިޓް އޮފީހުން ބުނީ ދުނިޔެއަށް އިގުތިސާދީ ގޮތުން ދަތިކަމެއް ދިމާވެފައި އޮތް ދުވަސްވަރެއްގައި އެއް ގައުމަކަށް މިހާ ބޮޑަށް ބަރޯސާވާ ނަމަ އެ ގައުމަށް އިގުތިސާދީ ދަތިކަމެއް ކުރިމަތިވާ ވަގުތު ރާއްޖޭއަށް ދޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ފައިސާ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހަމައެއާއެކު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ދައުލަތުގެ ހަރަދު އިތުރުވެގެން ދާކަން ފާހަގަކޮށް އޮޑިޓް އޮފީހުން ބުނީ އާމްދަނީ ލިބޭ މިންވަރަށް ބަލައިގެން، އާމްދަނީއަށް ރިއާޔަތްކޮށް ދައުލަތުގެ ހަރަދުތަކަށް ކޮމިޓްވުމަށް ލަފާދޭ ކަމަށެވެ.
އޮޑިޓް އޮފީހުން ކަންބޮޑުވުން ފާޅު ކުރި އިތުރު ކަންކަމުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ބައެއް އާމްދަނީ ތަކަކީ ގާނޫނަށް ނުވަތަ ގަވައިދަށް ބަދަލު ގެެނެސްގެން ނޫނީ ތަންފީޒުނުކުރެވޭ ކަހަލަ ކަންތައްތައްކަން ފާހަގަ ކުރި އެވެ. އަދި ދައުލަތުން ނަގާފައިވާ ދަރަނިތައް އަދާކުރަން ހަރަދުކުރަން ޖެހޭ ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދިއުމާއި އެކަމަށް ހައްލެއް ހޯދައި ދަރަނި އަދާކުރާނެ ލުއި ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކުރި އެވެ.
ހަމައެއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާތީވެސް އޮޑިޓް އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އަދި ހިންގުމުގެ ހަރަދުގެ ބޮޑު ބައެއް ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން، ބަޖެޓުން ލިބެ ފައިސާއިން ހިންގާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް