24 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތަކެއް ކުރިޔަށް ގެންދަން އެމްޑަބްލިއުއެސްއާއި ހަވާލުކޮށްފި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
މި މަޝްރޫއުތަކުގެ ތެރެއިން 20 މަޝްރޫއެއް ކުރިޔަށް ގެންދަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. އަނެއް ހަތަރު މަޝްރޫއަކީ އޮފިޑް ފަންޑުން ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުތަކެކެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު ވިދާޅުވީ މި 24 މަޝްރޫއުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުތައް ވަގުތުން ފެށޭނެ ކަމަށެވެ. އެކަމަކު އޮފިޑް ފަންޑުން ހަރަދުކޮށްގެން ނަރުދަމާގެ ތިން މަޝްރޫއާއި ފެނުގެ މަޝްރޫއެއް ފެށޭނޭ ދުވަސް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މި މަޝްރޫއުތައް އެ ކުންފުނިން ކުރިޔަށް ގެންދާނީ ދެ ގޮތަކަށް ކަމަށެވެ. އެއް ގޮތަކީ ޓެންޑަރަށް ހުޅުވާލައިގެން އަމިއްލަ ތަކެތީގެ މި މަސައްކަތް ކޮށްދޭނެ ކުންފުނިތަކެއް ހޯދުން ކަމަށާއި ދެ ވަނަ ގޮތަކީ އެ ކުންފުނިން ދެ މުވައްޒަފަކު އެ ރަށްރަށަށް ފޮނުވައިން މީހުން ތަމްރީން ކޮށްގެން އެމީހުން ލައްވައި އެ މަސައްކަތް ކުރުވުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ އަރަ އެވެ. އަދި އޮފިޑް ފަންޑުގެ ދަށުން ކުރިއަށްގެންދާ ހަތަރު މަޝްރޫއަށް 216 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ލަފާ ކުރެ އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، މާރެންދޫ، ތަކަންދޫ، ހދ. ހިރިމަރަދޫ، ކުމުންދޫ، ށ. ގޮއެދޫ، ނ. މާފަރު، ފޮއްދޫ، ރ. ފައިނު، ބ. ކަމަދޫ، މާޅޮސް، ޅ. އޮޅުވެލިފުށި، އދ. ކުނބުރުދޫ، އއ. ހިމަންދޫ އާއި ފެރިދޫގައި އެވެ. ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ. މުރައިދޫ، ށ. ފީވައް، ނ. ހެންބަދޫ، ރ. އިންނަމާދޫ އަދި އއ. މަތިވެރީ ގައި އެވެ.
އޮފިޑް ފަންޑުން ހަރަދުކޮށްގެން ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ގދ. ވާދޫ، ފިޔޮރީ އަދި ބ. ކެންދޫ ގައި އެވެ. މި ފަންޑުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ބ، ދަރަވަންދޫ ގައި އެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މި މަސައްކަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަަޝްރޫއުތައް 18 މަސްދުވަހުން ނިންމާގޮތަށް ހަވާލުކޮށްފައި ވާއިރު ފެނުގެ ނިޒާމުގެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ 15 މަސްދުވަހުގެ މުއްދަތަށެވެ. އަދި އޮފިޑް ފަންޑުގެ ދަށުން ހަވާލުކުރި ހަތަރު މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް