އިރުމަތީ އޭޝިއާގެ ގައުމުތަކަށް ކުރިމަތިވެފައިވާ ވާ ތޫފާން ވެމްކޯ، އުލީސެސް ގައި ފިލިޕީންސްއިން މަރުވި މީހުންގެ އަދަދު 37 އަށް އަރައިފި އެވެ.
ފިލިޕީންސްގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީއިން އާންމު ކުރި ތަފާސް ހިސާބުތަލަށް ބަލާއިރު، އެ ގައުމުގެ 4 ސަރަހައްދަކުން މީހުން ވަނީ މަރުވެފަ އެވެ. އަދި 15 މީހަކަށް ވީ ނުވީއެއް ނޭނގި ގެއްލިފައި ވާއިރު 22 މީހަކަށް އެކި ވަރުގެ ޒަޚަމްތައްވަނީލިބިފައެވެ.
ތޫފާން ވެމްކޯއާ ގުޅިގެން ފިލިޕީންސްއިން މަރުވި މީހުންނާ ޒަޚަމްވީ މީހުންގެ ތަފާސް ހިސާބުތައް އެކި ސަރަހައްދުން ގެނެސް ދިނުމުގައި ތަފާތުތަކެއް އުޅެ އެވެ.
މިހެން ދިމާވަނީ ރަސްމީ އިދާރާތަކުން މައުލޫމާތު ކަށަވަރު ކުރުމަށް ވަގުތު ހޭދަވާތީ ކަމަށް އެގައުމުގެ ޚަބަރުތައް ބުނެ އެވެ.
ފިލިޕީންސްއަށް މިހާރު ކުރިމަތިވެފައިވާ ތޫފާނާ ގުޅިގެން ބައެއް ލޯކަލް ގަވަމަންޓްތަކުން މިހާރު ވަނީ ކާރިސާގެ ހާލަތު އިއުލާންކޮށްފަ އެވެ.
ތޫފާން ވެމްކޯ މިހާރު މިސްރާބު ޖަހާފައިވަނީ ވިއެޓްނާމްއާ ގާތަށެވެ. އެހެންވެ، އެ ގައުމުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ގަޑިއަކު 60 މޭލު ބާރުމިނުގައި ވައިޖެހެމުންދާ ތޫފާން ވެމްކޯ، ވިއެޓްނާމަށް އަރާނެ ކަމަށް ލަފާ ކުރެވެނީ އާދީއްތަ ދުވަހުގެ ވަގުތެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް