ހުޅުމާލޭ "ކޭ ޕާކް ރެސިޑެންސް" ގެ މަސައްކަތް ބުދަ ދުވަހު އަލުން ފަށަނީ

ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ "ކޭ ޕާކް ރެސިޑެންސް"ގެ މަސައްކަތް އަންނަ ބުދަ ދުވަހު އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ. މި މަސައްކަތް ކުރަނީ ހަންބޯ ކޮމްޕެނީންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެ...

15 Nov 2020 | 08:37

ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ "ކޭ ޕާކް ރެސިޑެންސް"ގެ މަސައްކަތް އަންނަ ބުދަ ދުވަހު އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.

މި މަސައްކަތް ކުރަނީ ހަންބޯ ކޮމްޕެނީންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަމްދޫހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތައް އަލުން ފެށުމަށް ބޭނުންވާ މަސައްކަތްތެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިއަދުގެ ވަގުތެއްގައި އެ މަސައްކަތް ކުރަން ޗައިނާއިން ފުރަތަމަ ގްރޫޕު ގެނެސްފައިވާ ކަމަށާއި މާދަމާ ދެ ވަނަ ގްރޫޕު ރާއްޖެ އަންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ ކުރިން ޝެޑިއުލް ކުރެވިފައި އޮތް ގޮތަށް ބުދަ ދުވަހު އެ މަސައްކަތް އަލުން ފެށޭނެ ކަމަށެވެ.

ހަންބޯ ކޮމްޕެނީން ވަނީ "ކޭ ޕާކް ރެސިޑެންސް"ގެ މަސައްކަތްތައް އަލުން ފެށުމާއި ގުޅޭގޮތުން އެޗްޑީސީގެ ވެރިންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައި އެވެ. މަމްދޫހު ވިދާޅުވީ އެ ދުވަހުގެ ބައްދަލުވުމުގައި އެ މަޝްރޫއު އަލުން ފެށުމަށް ވަމުންދާ ތައްޔާރީތަކާއި ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ދާނެ ކަމުގެ ޔަގީންކަން އެޗްޑީސީއަށް ދީފައިވާނެ ކަމަށެވެ.

"ކޭ ޕާކް ރެސިޑެންސް" އަޅަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގަ އެވެ. އެ މަޝްރޫއުގެ 74 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ހަންބޯގެ އަމާޒަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެ ތަނުން ފްލެޓު ގަނެފައިވާ ފަރާތްތަކަށް ދިރިއުޅެން ފެށޭ ވަރަށް މަސައްކަތް ނިންމުމެވެ.

14 ފަންގިފިލާ އަށް ހަދާފައިވާ ކޭޕާކް ރެސިޑެންސްގައި 110 އެޕާޓްމަންޓް ހުންނާނެއެވެ. އެތަނުގައި ހުންނާނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭ ޕާކްގެ ބޮޑު މިނަކީ 21،000 އަކަފޫޓެވެ.

މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ފަންގިފިލާ ގައި އެވެ. އެންމެ ތިރީ ފަންގިފިލާ ޕާކިންއަށް ހާއްސަ ކޮށްފައި ވާއިރު ފުރަތަމަ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ވިޔަފާރީގެ ބޭނުންތަކަށެވެ.

މީގެ އިތުރުން ކޭޕާކް ރެސިޑެންސްގެ ޓެރަސްގައި ސްވިމިން ޕޫލާއެކު އިވެންޓް ސްޕޭސް ވެސް އޮންނާނެއެވެ. އަދި ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތައް ހުންނާނެ އެވެ.

2017 ވަނަ އަހަރު ފެށި މި މަޝްރޫއު ނިންމަން ކަނޑައަޅާފައި އޮތީ މިއަހަރު ކުރީ ކޮޅަށެވެ. ހަންބޯއިން ބުނީ މަސައްކަތް ތާވަލު ކުރި ގޮތަށް ނުނިމުނީ ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓާލަން ޖެހުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް