ޗެކް ބައުންސް މައްސަލަތަކާ ގުޅިގެން ޖިނާއީ ދައުވާ ކުރުމަށް އަމަލު ކުރަމުންދާ އުސޫލުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމާއި، މަކަރާއި ހީލަތުން ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަކީ ރާއްޖޭގެ ގާނުނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކުށެއް ކަމަށެވެ. އަދި ޗެކް ބައުންސް ވުމުގެ މައްސަލަތަތަކީ 212 ވަނަ މާއްދާގެ ދަށުން ތަހުގީގުކުރަމުންގެންދާ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް މާޗު 15 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އާ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލައިގައި ޖިނާއީ ދައުވާނުކުރުމަށް ނިންމާފައިވާ މައްސަލަތަކެއްވެ އެވެ. އެ މައްސަލަ ތަކުގެތެރޭގައި ދަރަނީގެ ގޮތުގައި ހޯދާފައިވާ ފައިސާއެއް އަނބުރާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ބައުންސް ވެގެން ހުށަހެޅޭ މައްސަލަތަކާއި، މައްސަލައިގައި ހިމެނޭ މުއާމަލާތުގައި ރިބާ އެކުލެވޭކަމަށް ބެލެވޭނަމަ ނުވަތަ މައްސަލައިގައި ހިމެނޭ މުއާމަލާތުގައި އެކުލެވޭ ޕްރިންސިޕަލް އެމައުންޓާ މެދު ދެޚަސްމުން ހިލާފުވާ ހާލަތުގައި ޕްރިންސިޕަލް އެމައުންޓު ސާބިތުވާ ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިނުވާ މައްސަލަތަކެވެ.
އަދި މަނިޓަރީ ގަވާއިދާ ހިލާފަށް ލައިސަންސް ނެތި ވިޔަފާރި އުސޫލުން ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލަތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއ)އިން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލައެއް ވާނަމަ އެފަދަ މައްސަލައެއްގައިވެސް ޖިނާއީ ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ވެސް ދެ މީހެއްގެ މެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ދޫކޮށްފައިވާ ޗެކަކީ ކުންފުންޏެއްގެ ނުވަތަ އެނޫންވެސް ގާނޫނީ ޝަހުސެއްގެ އެކައުންޓުން ދޫކޮށްފައިވާ ޗެކެއް ކަމަށްވާނަމަ އެފަދަ މައްސަލަތައް ނުވަތަ ދެމީހެއްގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތިންވަނަ ފަރާތަކުން ޗެކް ދޫކޮށްފައިވާ މައްސަލަތަކުގައިވެސް ދައުވާ ނުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ފައިސާ އިންވެސްޓުކޮށްފައި ލިބޭ ފައިދާ ހިއްސާކުރާގޮތަށް އެއްބަސްވެ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކް ބައުންސްވާ މައްސަލަތަކުގައި ވެސް ޖިނާއީ ދައުވާ ޕީޖީ އޮފީހުން ނުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ އެ މީހަކު ޖެހޭނީ ލިބުނު މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އަމިއްލައަށް އެ މައްސަލައެއް ކަމާބެހޭ ޝަރުއީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޕްރޮސެކިއުޓާ އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ހުށަހެޅޭ ހާލަތުގައި، އެފަދަ މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވާ ފަހުން ޗެކަށްވާ ފައިސާ ބަދަލު ލިބޭ ފަރާތަށް ދައްކާ ހަލާސްކުރި ކަމުގައިވީ ނަމަވެސް، އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން ނިންމާފައިވެ އެވެ.
ފުލުހުން ބުނީ ޗެކް މެދުވެރިކޮޑް މުއާމަލާތް ކުރާއިރު އަލަށް ގެނެވުނު ބަދަލުތަކަށް ސާމުލުކަން ދެއްވައިގެން މުއާމަލާތް ކުރެއްވުމަށް އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް