ރާއްޖޭގެ ޓޫރިޒަމް ކޮވިޑް-19އިގެ ސަބަބުން ހީނަރުވުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވު ދަށްވެފައިވާ ވަގުތެއްގައި ކެޕިޓަލް މަޝްރޫއުތަށް ހިންގާނަމަ އެކްސްޗޭންޖް ރޭޓަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ހާޝިމް މިއަދު ވިދާޅުވީ، ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށްވަރު ނުކޮށް ޕްރޮޖެކްޓްތައް ނުފަށަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ބާރުއަޅަން އެދިވަޑައިގަންނަވާ ކަމަށާއި، މިހާރު ވެސް ޓޫރިޒަމް ހީނަރުވުމުން ބޭރު ފައިސާގެ ބާޒާރަށް ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އަދި އެކްސްޗޭންޖު ރޭޓަށް ބަދަލު ނާންނެހެން މަޝްރޫއުތަށް ކުރިއަށް ގެންދިޔުމަށް ވެސް ހާޝިމް ވަނީ އެދިވަޑައިގެންފަ އެވެ.
ކޮވިޑް-19 އާ ހެދި އަންނަ އަހަރު ވެސް ރާއްޖޭގެ އިގުތިސާދު ރަނގަޅު ނުވެއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން ދަތިވެ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބަޖެޓާ ބެހޭ ގޮތުން މަޖިލީހަށް ލަފާދޭން އެމްއެމްއޭ އިން އެކުލަވައިލި ކަރުދާސް ރިޕޯޓުގައި ވެސް ވަނީ ބުނެފަ އެވެ.
އަންނަ އަހަރު ގިނަ މަޝްރޫއުތަކެެއް ހިންގަން ރާވާފައި ވަނީ ބޭރުގެ ގައުމުތަކުންނާއި މާލީ އިދާރާތަކުން ދަރަނި ނަގައިގެންނެވެ. އަދި އެގޮތަށް ފައިސާ ހޯދާއިރު ކޮންސިޝަނަލް ފައިނޭންސިން އަށް އިސްކަަން ދިނުމަށް ހާޝިމް ވަނީ އެދިވަޑައިގެންފަ އެެވެ. ވަކިން ބޮޑަށް އިޖުތިމާއީ އަދި ތިމާވެށީގެ މަޝްރޫއުތަކަށް ކޮންސިޝަނަލް ފައިނޭންސިން ހޯދުމަށް ހާޝިމް އެދިވަޑައިގެންނެވި އެވެ.
އިޖްތިމާއި އަދި ތިމާވެށީގެ މަޝްރޫއުތަކަށް ކޮންސިޝަނަލް ފައިނޭންސިން ހޯދޭނެ މަގުތައް ވެސް އެމްއެމްއޭއިން ވަނީ ދައްކައިދީފަ އެވެ. އެ ގޮތުން ވޯލްޑް ބޭންކާއި އަައިއެމްއެފުން އަންނަ އަހަރު ގްރީން ފައިނޭންސިން އާއި ބްލޫ ފައިނޭންސިންގެ ސްކީމްތަކެއް ތައާރަފު ކުރާނެ ކަމަށް ބުނެފައިވާ ކަމަށާއި އެ ސްކީމްތަކުން ފައިސާ ހޯދުން މުހިއްމު ކަމަށް ހާޝިމް ވިދާޅުވި އެވެ.
ދެހާސް އެކާވީސް ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ދައުލަތުގެ ޖުމުލަ އާމްދަނީ އަށް ވުރެ އިތުރަށް 15 ބިލިއަން ރުފިޔާ ހަރަދުކުރަން ހިމަނާފައިވެ އެވެ. އެހެންކަމުން ދައުލަތުގެ ދަރަނި ބޮޑުތަނުން އިތުރުވާނެ އެވެ. އަދި އެގޮތަށް އިތުރަށް ފައިސާ ހަރަދުކޮށްފިނަމަ އިތުރު ކަމަކަށް ދަރަންޏަށް ފައިސާ ހޯދަން އޮންނަ ޖާގަ (ފިސްކަލް ސްޕޭސް) ކުޑަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް