ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ މީހަކު މިއަދުވެސް މަރުވެއްޖެ އެވެ
މިއަދު މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްއީއޯސީން ބުނީ އެ މީހާ މަރުވީ މިއަދު ހެނދުނު 10:50 ގައި ކަމަށެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެވެ. މިއީ މިދިޔަ އެއް ހަފްތާ ތެރޭގައި ކޯވިޑްގައި ރާއްޖެއިން މަރުވި ހަތަރު ވަނަ މީހާ އެވެ.
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ކޯވިޑް ޖެހިގެން މަރުވެފައި ވަނީ ހޭވެރިކަން ނުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ބަންގްލަދޭޝް މީހެކެވެ. އޭގެ ފަހުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިވެއްސެކެވެ.
އިއްޔެ އާއި މިއަދު މަރުވީ އެ ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ދިވެހިންނެވެ. މިއަދު މަރުވީ މީހާ އާއި އެކު ރާއްޖެއިން ކޯވިޑް ޖެހިގެން މިހާތަނަށް 43 މީހުން ވަނީ މަރުވެފައި އެވެ.
މި ބަލީގައި ރާއްޖެއިން މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި ދިގުމުއްދަތަށް ބަލިތަކަށް ފަރުވާ ހޯދަން ޖެހިފައިވާ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް 12،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް