2021ގައި ލަފާ ކުރާ މިންވަރަށް ފަތުރުވެރިކަމުގެ ދާއިރާ އިން އާމްދަނީ ނުލިބިދާނެ

ދެހާސް އެކާވީސް އަންނަ އަހަރު ދައުލަތުން ލަފާ ކުރާ މިންވަރަށް ބޭރު ފައިސާ ނުލިބިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެެވެ. ބަޖެޓު ދިރާސާ ކުރާ ކޮ...

15 Nov 2020 | 07:08

ދެހާސް އެކާވީސް އަންނަ އަހަރު ދައުލަތުން ލަފާ ކުރާ މިންވަރަށް ބޭރު ފައިސާ ނުލިބިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހާޝިމް މިއަދު ވިދާޅުވީ، އާމްދަނީގެ ބޮޑު ބައެއް ހޯދުމުގައި ޓޫރިޒަމަށް ބަރޯސާވެފައިވާއިރު، ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ ނުލިބުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ފަތުރުވެރިން އަންނަ ގިނަ ގައުމުތަކުގެ ހާލަތު އަދިވެސް ގޯސްވަމުން ދާތީ ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާރު ވަރަށް އަވަހަށް ކޮވިޑުގެ ވެކްސިނެެއް ލިބޭނެ ވާހަކަ އިވޭކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގްތިސޯދަށް ރަނގަޅު ބަދަލުތަކެއް ގެންނާނެ ކަމެއް ކަމަށެވެ. ރާއްޖެއަށް ވެކްސިން ގެނެސްފި ނަމަ ދެވަނަ ކުއާޓާގައި އޭގެ އަސަރު ޓޫރިޒަމް އިންޑަސްޓްރީން ފެންނާނެ ކަމަށް ހާޝިމް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް އެމްއެމްއޭ އިން ދެއްވާ ލަފާ ހުށަހަޅުއްވައި ދެއްވަމުން ހާޝިމް ވިދާޅުވީ، އާމްދަނީ އިތުރުކުރަން ހުށަހަޅާ އާ ކަންކަމުން 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް 2021 ވަނަ އަހަރުގެ ބަޖެޓްގައި އަންދާޒާ ކުރެވޭ ކަމަށެެވެ.

ޓޫރިޒަމާއި ޓެކްސްގެ އިތުރުން ދައުލަތަށް އާމުދަނީ ހޯދުމުގެ ގޮތުން ޓެލެކޮމް އޮޕަރޭޓިން ލައިސެންސް އިން ޗާރޖު ނެގުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފްކުރުމުގެ އިތުރުން ކޮންޖެޝަން ފީ އަދި ބިން ވިއްކައިގެން ފައިސާ ހޯދަން ބަޖެޓުގައި ވަނީ ނިންމައިފަ އެވެ. އެކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަށް ހެދިގެންދާނެ ކަމަށް ފިނޭސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް