ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގިިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދިޔުމުގެ ސަބަބުން ރޯގާގެ ގޮތުގައި އާއްމުކޮށް ފެތުރޭ ބަލިތައް މީގެ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު މިހާރު މަދުވެއްޖެ ކަމަށް ހެލްޕް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަށް ދައްކާގޮތުން ޑެންގީ ހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ޑެންގީ ހުން ޖެހިގެން މިދިޔަ ސެޕްޓެމްބަރު މަހު މުޅި ރާއްޖެ އިން ޑޮކްޓަރަށް ދެއްކީ އެންމެ 12 މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ޑެންގީ ޖެހިގެން މިދިޔަ އޮކްޓޯބަރު މަހު ޑޮކްޓަރަށް ދެއްކީ އަށް މީހެކެވެ. ޑެންގީ ޖެހިގެން އޮކްޓޯބަރު މަހުގެ ފަހު ހަފުތާފައި ހަތަރު މީހަކު ޑޮކްޓަރަށް ދެއްކިއިރު، ސެޕްޓެމްބަރު މަހުގެ އެ މުއްދަތުގެ އަދަދަކީ ދޭއް އެވެ.
އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ކުރީ އަހަރުތަކާ އަޅާ ބަލާއިރު، މި އަހަރު މެދެވެ. މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާ ބަލާއިރު، މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ވަނީ އިތުރުވެފަ އެވެ. ރޯގާ ޖެހިގެން މިދިޔަ އޮކްޓޯބަރު މަހު ރިޕޯޓުކުރި މީހުންގެ އަދަދަކީ 5،782 އެވެ. މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު، 2،428 މީހުން ގެ އިތުރުވުމެކެވެ. ރޯގާ ޖެހިގެން ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައިވަނޯ 3،154 މީހުންނެވެ.
މީގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މީގެ ކުރީގެ އަހަރުތަަކާ އަޅާބަލާއިރު، މި އަހަރު މަދެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު، ބޭރަށް ހިންގުން ޖެހިގެން އޮކްޓޯބަރު މަހު ރިޕޯޓުކުރި މީހުންގެ އަދަދު އިތުރެވެ. ބޭރަށް ހިންގުން ޖެހިގެން އެ މަހު 1،003 މީހަކު ރިޕޯޓްކުރި އިރު އޭގެ ކުރީ މަހުގެ އަދަދަކީ 767 އެވެ.
އާންމުބަލިތަށް ރިޕޯޓު ކުރި މިންވަރު މިއަހަރު ދަށްވެފައިވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. ނަމަވެސް ކޮވިޑް-19އިގެ ފިޔަވަޅުތަކަށް ލުއި ދިނުމުން އެ ބަލިތަށް އަނެއްކާވެސް އިތުރު ވުމުގެ ފުރުސަތު އެބައޮޮތެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ އާންމު ބަލިތަކަށް ރައްކާތެރިވެ ތިބުމަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް