އަތޮޅުތެރޭގައި އަށް މަހަށް ފަހު ޕްރީ ސްކޫލް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި

އަތޮޅު ތެރޭގައި އަށް މަހަށް ފަހު ޕްރީ ސްކޫލް ދަރުވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާޗް މަހު ސްކޫލްތައް ބަންދު ކުރުމަށް ފަހު ނިއު ނޯމަލްގައި ޖުލައި އެކެއްގައި އ...

15 Nov 2020 | 06:34

އަތޮޅު ތެރޭގައި އަށް މަހަށް ފަހު ޕްރީ ސްކޫލް ދަރުވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާޗް މަހު ސްކޫލްތައް ބަންދު ކުރުމަށް ފަހު ނިއު ނޯމަލްގައި ޖުލައި އެކެއްގައި އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 1-12 އަށެވެ. މިއަދާއި ހަމައަށް ފައުންޑޭޝަން ލެވެލް އާއި އަމިއްލަ ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރީ ސްކޫލް ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފަށަން ނިންމީ އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށް ފަހު ރާއްޖޭގެ މިހާރުގެ ކޯވިޑް-19 ގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އެކަމަކު މާލޭގައި ޕްރީ ސްކޫލް ދަރިވަރުންގެ ކިޔެވުން ފެށުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.

މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދެނީ ގްރޭޑް 7-12 ގެ ދަރިވަރުންނަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭގައި މިއަހަރު ދެން އިތުރު ގްރޭޑުތަކުގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ނުފަށާނެ ކަމަށެވެ.

މިއަދު އަތޮޅު ތެރޭގައި ޕްރީ ސްކޫލް ދަރިވަރުންގެ ކިޔެވުން ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ  ޕްރީ ސްކޫލު އުމުރުގެ ކުދިން އަލުން ސްކޫލަށް ދާތަން ފެނިވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. ދެން ތިބި ދަރިވަރުންނަށް ވެސް އަވަހަށް ސްކޫލަށް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

https://twitter.com/aisthly/status/1327827322838269954

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކަށް ގެންގޮސްގެން ދަރިވަރުންނަށް ކިޔަވައިދެނީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ގެނައި ބަދަލާއި އެކު އަންނަ މަހުގެ އަށް ވަނަ ދުވަހު ނިމޭނީ މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުމެވެ. ދެވަނަ ޓާމުގެ ކިޔެވުން 2021 ވަނަ އަހަރުގެ ޖެނުއަރީ 10 ގައި ފަށައި ނިންމުމަށް ހަމަޖެހިފައިވަނީ ޖޫން 24 ގައި އެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 10 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް