ބަލިވެ އިންނަ އަނބިމީހާ އަށް ބޭވަފާތެރިވާ ފިރިހެނުން ގިނަ: ދިރާސާ

ގިނަ އަންހެނުންނަކީ އެމީހުންގެ މާބަނޑު ދުވަސްވަރު ފިރިމީހާގެ ބޭވަފާތެރިކަން އިންތިހާއަށް ތަހައްމަލް ކުރަމުންގެންދާ ބައެކެވެ. އަދި ގިނަ އަންހެނުން ނަކީ ދިރިއުޅުމުގައި މިކަން ތަޖުރިބާ ވެސް ކޮށްފައިވާ މީ...

15 Nov 2020 | 05:11

ގިނަ އަންހެނުންނަކީ އެމީހުންގެ މާބަނޑު ދުވަސްވަރު ފިރިމީހާގެ ބޭވަފާތެރިކަން އިންތިހާއަށް ތަހައްމަލް ކުރަމުންގެންދާ ބައެކެވެ. އަދި ގިނަ އަންހެނުން ނަކީ ދިރިއުޅުމުގައި މިކަން ތަޖުރިބާ ވެސް ކޮށްފައިވާ މީހުންނެވެ. މި ސަބަބާ ހެދި ދަރިން ހޯދުމަކީ ވެސް ބައެއް އަންހެނުން ޖެހިލުންވެސް ބިރު ގަންނަ ސަބަބަކަށް ވަނީ ވެފައެވެ. އަންހެނުން ބަލިވެ އިނުމުން ފިރިމީހާ ހިލޭ އަންހެނުންގެ ގާތަށް ގޮސްފާނެ ކަމުގެ ބިރު އަންހެންވެރިންގެ މެދުގައި މިހާ ވެސް ބޮޑުވެފައި އޮތީމަ އެވެ.

ހަގީގަތަށް ބުނާނަަމަ އަނބިމީހާ ބަލިވެ އިންނަ ދުވަހުން ފެށިގެން ވިހެއުމާއި ހަމައަށް އެންމެ ބޮޑަށް އަނބިމީހާއަށް ބޭނުންވާނެ އެއްޗަކީ ފިރިމީހާގެ އޯގާތެރިކަމާއި އަޅާލުންކަން ޔަގީނެވެ. އޭގެ ބަދަލުގައި މި މުހިންމު ދުވަސްވަރު ފިރިމީހާ ހިލޭ އަންހެނުންގެ ގާތަށް ގޮސް މަޖާ ނެގުމަކީ އަނބިމީހާއަށް ގަބޫލްކުރެވޭނެ ކަމަކަށް ނުވާނެއެވެ.

މި މައްސަލާގައި ގިނަ އަންހެނުން ބުނަނީ ފިރިހެން މީހާ އޭނާގެ އަންހެނުން ދޫކޮށް އެހެން އަންހެނެއްގެ އަތުތެރެއަށް ވެއްޓެނީ ބަލިވެއިންނަ އަންހެން މީހާގެ ފަރާތުން ނުލިބޭ ޖިންސީ އަރާމު ލިބިގަތުމަށް ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުންގެ ވާހަކައިންނާއި ދިރާސާތަކުން އެނގިފައިވާ ގޮތުން ފިރިހެން މީހާ އޭނާގެ މާބަނޑު އަންހެނުން ދޫކޮށް އެހެން އަންހެނެއްގެ އުނގަށް ވެއްޓިގަންނަނީ ހަމައެކަނި ޝަހުވާނީ އެދުން ފުއްދުމަކަށް ނޫނެވެ.

ބަލިވެ އިންނަ އަނބިމީހާ އަށް ބޭވަފާތެރިވާ ފިރިހެނުން އެކަން ކުރާ ސަބަބު ދެނެގަތުމަށް ހިންގާފައިވާ ދިރާސާތަކަށް އެއްބާރުލުން ދީފައިވާ މީހުންގެ ވާހަކައިން އެނގޭ ގޮތުން އަނބިމީހާ ބަލިވެ އިނުމަށް ފަހު އެފަދަ އަންހެނުންނަށް މަދުވާ އެއްޗަކީ ހަމައެކަނި ޖިންސީ ގުޅުމުގެ އުފަލެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް ނަފްސާނީ ގޮތުން ކުރިމަތިވާ މައްސަލަތަށް މާ ބޮޑެވެ.

މާބަނޑު ދުވަސްވަރު އަންހެނުންނަށް ދޯކާ ދޭ ފިރިހެނުންގެ ތެރެއިން 48 ޕަސެންޓް މީހުން ބުނަނީ އެމީހުން އެހެން އަންހެނެއްގެ ގާތަށް ދަނީ ބާކީވެ އެކަނިވެރިވާ ކަމުގެ އިހްސާސްކުރެވޭތީ ކަމަށެވެ. މިފަދަ ދިރާސާތަކުން އެނެގޭ ގޮތުގައި އަނބިމީހާ ދެކެ ފޫހިވެގެން ނުވަތަ އަނބިމީހާ އަށް ވުރެ ރީތި އަންހެނެއްގެ އުފާ ލިބިގަތުމުގެ ބޭނުމުގައި ހިލޭ އަންހެނުންގެ ގާތަށް ދާ ކަމަށް ބުނެފައި ވަނީ އެންމެ 12 އިން ސައްތަ ފިރިހެނުންނެވެ.

އެހެންވީމަ ތަޖުރިބާކާރުން ވެސް ބުނަނީ ފިރިހެން މީހާ އޭނާގެ މާބަނޑު އަނބިމީހާ އަށް ބޭވަފާތެރިވަނީ ހަމައެކަނި ޖިންސީ އެދުމެއް ފުއްދުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

ހަގީގަތުގައި މިފަދަ މައްސަލަތައް ކުރިމަތިވާ އަންހެނުން އެފަދަ ފިރިހެނުންނާއި އެކު ދިރިއުޅެމުން ގެންދަނީ ހިތްދަތި ދިރިއުޅުމެކެވެ. ނަމަވެސް ގިނަ އަންހެނުން ބުނާގޮތުން އެފަދަ ހާލަތެއްގައި ވެސް ކެތްކުރަނީ ދަރިންނަށްޓަކައެވެ. ނުވަތަ ފަހުން ފިރިމީހާގެ އުޅުން ރަނގަޅުވެ ކުރީގެ އުފާވެރި ދިރިއުޅުން އަލުން ލިބިދާނެ ކަމަށް ހީކޮށްގެންނެވެ.

ނަމަވެސް ދިރާސާތަކުން އެނގިފައިވާ ގޮތުން އެއް ފަހަރު ބޭވަފާތެރިވާ މީހާ ދެ ވަނަ ފަހަރަށް ވެސް ބޭވަފާތެރިވާނެއެވެ.  އެއް ފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ވެސް ފުންމާލާ ބީދައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް