ޔޫއެފާ ނޭޝަންސް ލީގް: ޕޯޗުގަލް ބަލިކޮށް ފްރާންސް ފައިނަލް ބުރަށް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލް އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ފްރާންސް މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފި އެވެ. ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅުނު މި މެޗު ފްރާންސް އިން ކާމިޔާބުކުރީ 0-...

15 Nov 2020 | 03:56

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލް އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ފްރާންސް މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފި އެވެ.

ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅުނު މި މެޗު ފްރާންސް އިން ކާމިޔާބުކުރީ 0-1 އިންނެވެ.

ރޭގެ މެޗު ފެށިގެން ދެތީމުގެ ފަރާތުންވެސް ދާދި ހަމަހަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެޖި އެއްވަރުވެ އޮވެގެންނެވެ. އެހެން ނަމަވެސް ދެޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާ އުފައްދާފައެވެ. އެގޮތުން ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފްރާންސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާއެއް ފްރާންސްގެ ކީޕަރު ލޮރިސް ވަނީ ދިފާއުކޮށްފައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ފްރާންސްގެ މާޝިއަލް އާއި ކޯމަން ޕޯތުގަލްގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލާތަށް ފާހަގަ ކުރެވެއެވެ. ނަމަވެސް މި ހަމާލަތުގެ ހުރަކަށްވީ ޕޯޗުގަލްގެ ތަޖުރިބާކާރު ގޯލް ކީޕަރު ޕެޓްރީސިއޯއެވެ.

ރޭގެ މެޗުގައި ފްރާންސް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެވެ. މި ލަނޑު ކާންޓޭ ޖެހުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފޯވާޑް އެންތަނީ މާޝިއަލް ޕޯޗުގަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. އަނެއްކޮޅުން ޕޯޗުގަލްގެ ޑިފެންޑަރު ހޯސޭ ފޮންޓޭ ފްރާންސްގެ ގޯލަށް ފޮނުވާލި ބޯޅައެއްވެސް ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވެ ނާކާމިޔާބުވި އެވެ.

މީގެ އިތުރުން ޕޯޗުގަލްގެ ޖާއޯ މޮޓީނޯ އަށް ލަނޑުޖަހަން ރަގަޅު ފުރުސަތެއް ފަހު ހާފުގައި ރޮނާލްޑޯ ތަނަވަސްކޮށްދިން ނަމަވެސް މޮޓީނޯ ފޮނުވާލި ބާރު ބޯޅަ ވަނީ ފްރާންސްގެ ގޯލްކީޕަރު ހުޝިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

ރޭގެ މެޗުން މޮޅުވެ ފްރާންސް އަށް ނޭޝަންސްަ ލީގުގެ ފައިނަލް ބުރުން ޖާގަ މި ލިބުނީ މުބާރާތުގެ އޭ ލީގުގެ ތިންވަނަ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމަށް އެކަމަކު އަދި ގްރޫޕް ސްޓޭޖްގެ ބާކީ އެއް މެޗު އެބައޮތެވެ. މުބާރާތުގެ ފައިނަލް ބުރުގައި ކުޅޭނީ އޭ ލީގުގައި ހިމެނޭ ހަތަރު ގުރޫޕްގެ ތެރެއިން ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމެވެ. ފައިނަލް ބުރު ނުވަތަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

މި ގްރޫޕުގައި ރޭޭ އިތުރު މެޗެއްވެސް ކުޅެފައިވާއިރު، އެމެޗުގައި ބައްދަލުކުރީ ކްރޮއޭޝިއާ އާއި ސްވިޑެން އެވެ. މި މެޗު 1-2 އިން ކާމިޔާބު ކުރީ ސްވިޑެންއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް