ލ. ފޮނަދޫގައި ކުރިޔަށް ދިޔަ ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020 ގެ ޗެމްޕިއަކަން ކަންމަތި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަކަން ކަންމަތި ސްޕޯޓްސް ކުލަބުން ހޯދީ ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ގޯޅި ސްޕޯޓްސް ކުލަބާއި ވާދަކޮށް 2-2 ގެ ނަތީޖާއިން އެއްވަރުވެ ޕެންލަޓީގައި 3-4 ގެ ނަތީޖާއިން މޮޅުވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ގޯޅި ސްޕޯޓްސް ކުލަބުންނެވެ. އަޙުމަދު ހަލީމްގެ އެހީތެރިކަމާއި އެކު މެޗުގެ 9 ވަނަ މިނެޓުގައި މި ލަނޑު ގޯޅި ސްޕޯޓްސް ކުލަބަށް ކާމިޔާބު ކޮށްދިނީ ހުސެއިން ނާޝިދު (ނާއްޓޯ) އެވެ. މި ލަނޑަށް ފަހު ކަންމަތި ސްޕޯޓްސް ކުލަބުން އިތުރަށް ކުޅުން ވަރުގަދަ ކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އިތުރު ލަނޑެއް ނުޖެހި ގޯޅި ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.
މެޗުގެ ފަހުހާފުގެ ކުޅުން ކަންމަތިން ފެއްޓީ ފުރަތަމަ ހާފާއި ޚިލާފަށް ވަރުގަދަ ކޮށެވެ. އެގޮތުން ގޯޅި ސްޕޯޓްސް ކުލަބުގެ ފަހަތަށް ބާރު ބޮޑުކޮށް ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަތީޖާއަކަށް ވީ މެޗުގެ ފަހުހާފުގެ ފުރަތަމަ ދިހަ މިނެޓުތެރޭ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރުމެވެ. ކަންމަތި ސްޕޯޓްސް ކުލަބަށް މެޗުގެ ނަތިޖާ ހަމަހަމަކުރި ލަނޑު ކާމިޔާބު ކުރީ ގޯލުގެ އަރިމަތިން އަޖުވަދު ހުރަސްކުރި ބޯޅަ ގޯޅި ސްޕޯޓްސް ކުލަބުގެ ގޯލް ކީޕަރުގެ އަތުގައި ޖެހިފައި ބޭރަށް ނިކުތް ވަގުތު ހުސެއިން ފައިސަލް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ލަނޑަށް ފަހު މެޗު ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ. މެޗުގެ ފަހު ހާފުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ގޯޅި އަށް ލަނޑު ޖަހަން ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ކަންމަތި ސްޕޯޓްސް ކުލަބުން އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު އަނބުރާކުމެވެ. އެޓީމަށް މެޗުގެ ލީޑު ނެގި މި ލަނޑު ކާމިޔާބު ކޮށްދިނީ ކަންމަތި ޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ހުސެއިން ފައިސަލް އެވެ. އޭނާ މި ލަނޑު ޖެހީ އަލީ ހާފިޒް ހުސްކޮށްލާފަ ދިން ރީތި ޕާހަކުންނެވެ.
ކަންމަތިން މެޗުގެ ލީޑު އަނބުރާލި ނަމަވެސް އެޓީމަށް ލީޑުގައި އޮވެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ. ހުސެއިން ޝަރީފް (އޮންލީ) ވަނީ ލަނޑެއް ޖަހާ ގޯޅި ސްޕޯޓްސް ކުލަބަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފައެވެ. މި ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ފުރަތަމަ ޕެނަލްޓީ ޖެހީ ގޯޅި ސްޕޯޓްސް ކުލަބުންނެވެ. ހުސެއިން ޝަރީފް (އޮންލީ) ފޮނުވާލި ޕެންލަޓީ ކަންމަތީ ސްޕޯޓްސް ކުލަބުގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. އަދި ކަންމަތީގެ ފުރަތަމަ ޕެނަލްޓީ އަޖުވަދު ފޮނުވާލި އިރު، އެ ޕެނަލްޓީ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ގޯޅި ސްޕޯޓްސްގެ ދެވަނަ ޕެނަލްޓީ އަހުމަދު ހަލީމް ކާމިޔާބު ކުރިއިރު، ކަންމަތީގެ ދެވަނަ ޕެނަލްޓީ ވެސް އަލީ ޝާމިޒް (ތޮއްޕެ) ވަނީ ކާމިޔާބު ކޮށްފައެވެ. އަޔާޒް އަހުމަދު ފޮނުވާލި ގޯޅި ސްޕޯޓްސް ކުލަބުގެ ތިންވަނަ ޕެނަލްޓީ ނާކާމިޔާބު އިރު، އަލީ ހާފިޒް ވަނީ ކަންމަތި ސްޕޯޓްސް ކުލަގުގެ ތިންވަނަ ޕެންލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މުބާރާތުގެ ޗެމްޕިއަންކަން ކަންމަތި ސްޕޯޓްސް ކުލަބަށް ހޯދަދީފައެވެ.
މުބާރާތުގެ ޗެމްޕިއަންކަން ކަންމަތި ސްޕޯޓްސް ކުލަބުން ހޯދިއިރު، އެޓީމު މި މުބާރާތް ކާމިޔާބު ކުރީ ކުޅުނުު އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައެވެ. ދިޔަ އޮކްޓޫބަރު މަސްތެރޭގައި ލ.ގަމުގައި ބޭއްވި ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަންވެސް އެޓީމުން ނެގީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި ސްޕޯޓްސް ކުލަބުގެ ގޯލް ކީޕަރު އަޙުމަދު ހުޝާމް އެވެ. މުބާރާތުގެ މޮޅު ފަސް ކުޅޫންތެރިންނަށް ހޮވިފައިވަނީ ގޯޅި ސްޕޯޓްސް ކުލަބުގެ އަހުމަދު އަޔާޒް، އަހުމަދު ހަލީމް އަދި ކަންމަތި ސްޕޯޓްސް ކުލަބުގެ އަލީ ހާފިޒް، އަހުމަދު އަޖުވަދް އަދި ގޯލް ކީޕަރު އަހުމަދު ހުޝާމްއެވެ. މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ގޯޅި ސްޕޯޓްސް ކުލަބުގެ އަހުމަދު ހަލީމް އެވެ. އޭނާ ވަނީ މި މުބާރާތުގައި 20 ގޯލު ޖަހާފައެވެ. މުބާރާތުގެ 18 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީބީ ސްޕޯޓްސް ކުލަބުގެ އިސްމާއީލް އަފާޒްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް