މާލެ ސަރަހައްދުގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވޭ ގަޑިތައް ކަނޑައަޅައިފި

15 Oct 2026 | 11:11
މާލެ ސަރަހައްދުގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވޭ ގަޑިތައް ކަނޑައަޅައިފި

މާލެ ސަރަހައްދުގެ މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ހާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތަށް ބަލައި، ބައެއް ބާވަތުގެ އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅައިފިއެވެ.

މި ނިންމުމުގެ ދަށުން 350 ކިލޯއަށްވުރެ ބަރު މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓާއި ޓްރަކާއި ކްރޭނާއި ޓްރެއިލަރު ފަދަ ބަރު އުޅަނދުފަހަރު ދެ ވަގުތެއްގައި ދުއްވުން މަނާވާނެއެވެ. ފުރަތަމަ ވަގުތަކީ ހެނދުނު 06:00 އިން ހެނދުނު 08:30 އަށެވެ. ދެވަނަ ވަގުތަކީ ހެނދުނު 11:30 އިން މެންދުރު 01:30 އަށެވެ. ހެނދުނު ގަޑީގައި ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ ހުރިހާ މަގެއްގައާއި ހުޅުމާލޭގެ މަގުތަކުގައާއި ބުރިޖާއި ހައިވޭގައި މި އުޅަނދުތައް ދުއްވުން މަނާވާއިރު، ދެވަނަ ވަގުތުގައި ހުޅުމާލޭގެ މަގުތައް އިސްތިސްނާވެ، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ މަގުތަކާއި ބުރިޖާއި ހައިވޭގައި ދުއްވުން މަނާވާނެއެވެ.

މީގެ އިތުރުން ސްކޫލް އޮންނަ ދުވަސްތަކުގައި ސެޝަން ފެށޭ ވަގުތާއި ނިމޭ ވަގުތު ސްކޫލްތައް ހުންނަ ސަރަހައްދުތަކުގައި މި ބާވަތުގެ އެއްވެސް އުޅަނދެއް ދުއްވުމާއި އެ އުޅަނދުތަކުގައި މުދާ އުފުލުން މުޅިން މަނާވާނެއެވެ.

މި އިއުލާނާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނު ނަންބަރު 2026/16 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް