އީގަލް ހިލްސް މަޝްރޫޢާ މެދު ރައްޔިތުންގެ ވޯޓަކަށް ދިޔުމަށް އެމްޑީޕީން ގޮވާލައިފި

ރަސްމާލެއިން 500 ހެކްޓަރު ބިން އީގަލް ހިލްސަށް ދޫކުރުމާ މެދު ރައްޔިތުންގެ ވޯޓަކަށް ދިޔުމަށް އެމްޑީޕީން ގޮވާލައިފިއެވެ. މަޢުލޫމާތު ހާމަނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ހަތަރު ކަމެއް ސަރުކާރަށް ހުށަހެޅިއެވެ.

15 Oct 2026 | 11:05
އީގަލް ހިލްސް މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ހައުސިން މިނިސްޓްރީ

އީގަލް ހިލްސް މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ހައުސިން މިނިސްޓްރީ

ރަސްމާލޭގެ 500 ހެކްޓަރު ބިމެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް އެމްޑީޕީން މިއަދު ސަރުކާރަށް ގޮވާލައިފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މުޢާމަލާތުގައި ސަރުކާރުން ޢަމަލުކުރަމުން އަންނަ ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އީގަލް ހިލްސް ކުންފުނިން ރަސްމީކޮށް ހާމަކުރާ މަޢުލޫމާތާއި ސަރުކާރުން ހާމަކުރާ މަޢުލޫމާތު ދިމާނުވާ ކަމަށާއި، ތަފްސީލީ މަޢުލޫމާތު ހާމަކުރަން ސަރުކާރުން ފަސްޖެހެމުންދާ ކަމީ ނުރައްކާތެރި ނިޝާނެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ޤައުމަށް ބޮޑު ފައިދާއެއް ކުރާ ކަމެއް ނަމަ ތަފްސީލް ހާމަނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެ ބަޔާނުގައި އެމްޑީޕީން ސަރުކާރަށް ހުށަހެޅީ ހަތަރު ކަމެކެވެ. ފުރަތަމަ ކަމަކީ ކުންފުންޏާ އެކު ސޮއިކޮށްފައިވާ ލިޔުމުގެ ޝަރުތުތައް ރައްޔިތުންނަށް އަވަހަށް ހާމަކުރުމެވެ. ދެވަނަ ކަމަކީ އެއްބަސްވުމުގެ މުއްދަތާއި، ދެ ފަރާތުން އުފުލަން ޖެހޭ މާލީ އިލްތިޒާމުތަކާއި ޒިންމާތައް ސާފުކޮށް ހާމަކުރުމެވެ. ތިންވަނައަށް، ދިވެހި ބިން ބިދޭސީންނަށް މިލްކުވާ ފަދަ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމެވެ. ހަތަރުވަނައަށް، މުސްތަޤުބަލުގައި ބިދޭސީންނަށް ބިމުގެ ދާއިމީ މިލްކުވެރިކަން އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ހިމެނިފައިވޭތޯ ސާފުކޮށްދިނުމެވެ.

ބިމާ ގުޅޭ ގޮތުން ގޮތެއް ނިންމެވޭނީ ސީދާ ރައްޔިތުންނަށް ކަމަށާއި، ދައުލަތުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، ޢާންމު ވޯޓަކަށް ނުގޮސް މިފަދަ މުޢާމަލާތަކަށް ނުވަނުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

މި ގޮވާލުމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ، އީގަލް ހިލްސާ އެކު ހެދި އެއްބަސްވުމުގެ ދަށުން ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްގެ ގޮތުގައި 5,000 ހައުސިން ޔުނިޓް ލިބޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާގެ އަގުހުރި ޔުނިޓެވެ.

އޭގެ އިތުރުން، ޕްރޮޕަޓީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި، ޑޮލަރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި ރަސްމީ ރިޒާވް ވަރުގަދަ ކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ. ހަމައެހެންމެ، އެސްއީޒެޑް ޤާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ޤާނޫނުގެ ދަށުން އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ދައުލަތަށް ލިބޭ ގޮތަށް ކަންކަން ހަމަޖައްސާފައިވާ ކަމަށް ވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް