މިއަހަރުގެ ދަނޑުވެރިންގެ ދުވަސް، ފާހަގަކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން ހިންގާ ޚާއްޞަ ޙަރަކާތްތަކުގެ ތެރެއިން، މިނިސްޓްރީން ފޯރުކޮށްދެމުންދާ ބައެއް ޚިދުމަތްތައް ލުއިފަސޭހަ ކަމާއެކު އޮންލައިންކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާ އެޚިދުމަތްތައް ދޭން މިއަދު ފަށައިފި އެވެ.
މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އެގްރިކަލްޗަރ އޮންލައިން ސިސްޓަމް އެޕްލިކޭޝަން މެދުވެރިކޮށެވެ.
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ހިންގަމުން އަންނަ މޯލްޑިވްސް ސިންގްލް ވިންޑޯ ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައި ތަރައްޤީކުރެވިފައިވާ އެޕްލިކޭޝަނެކެވެ.
މިއެޕްލިކޭޝަން އިފްތިތާޙް ކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒު ފައްޔާޒު އިސްމާއީލްއެވެ.
މިއަދު އިފްތިތާޙް ކުރެވުނު މިސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭނެ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ގަސްގަހާގެއްސާއި ޖަނަވާރު އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތާއި، ކަރަންޓީން ޔުނިޓުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން، ވެޓިނަރީ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް މި އެޕްލިކޭޝަންގެ ތެރެއިން ލިބޭނެއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަޙާ ވަޙީދު ދެއްކެވި ވާހަކަކޮޅުގައި މިއަދު އިފްތިތާޙް ކުރެވުނު އެޕްލިކޭޝަން މެދުވެރިކޮށް މިހާރު މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށާއި މިއެޕްލިކޭޝަން އަދިވެސް އިތުރައް ތަރައްޤީކުރެވި، މިނިސްޓްރީން ފޯރުކޮށްދެމުންދާ އެހެނިހެން ޚިދުމަތްތައްވެސް މުސްތަޤްބަލުގައި މި އެޕްލިކޭޝަން މެދުވެރިކޮށް ފޯރުކޮށްދެވެމުންދާނެއެވެ.
މިރަސްމިއްޔާތުގެ ޝަރަފުވެރި މެޙްމާނު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަފުޅުގައި މިއީ ސަރުކާރުގެ ޚިދުމަތްތައް އެއްވިއުގަޔަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ހިންގާ މޯލްޑިވްސް ސިންގަލް ވިންޑޯ މަޝްރޫޢުގެ ދަށުން އެކި މިނިސްޓްރީތަކަށް ތައްޔާރު ކުރާ އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ ފުރަތަމަ އިފްތިތާޙް ކުރެވުނު މޮޑިއުލްކަމުގައި ވިދާޅުވިއެވެ.
މި އެޕްލިކޭޝަން ބޭނުންކުރެވޭނީ، މޯލްޑިވްސް ސިންގްލް ވިންޑޯ މަޝްރޫޢުގެ އެހެން އެޕްލިކޭޝަންތައް ބޭނުން ކުރާ ފަދައިން، 'އީ-ފާސް' ލޮގިން މެދުވެރިކޮށެވެ. މިސިސްޓަމްއަށް ލޮގިން ކުރެއްވުމަށް ޒިޔާރަތް ކުރައްވާނީ aos.egov.mv އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް