2019 ވަނަ އަހަރު ޗައިނާގެ ވޫހާން ސިޓީން އުފަންވެ، މުޅި ދުނިޔޭގައި ރަސްކަން ކުރަމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަކީ ފަހުގެ ތާރީޚުގައި ދުނިޔޭގެ ގައުމުތައް އިގްތިސާދީ އަނދަވަޅަކަށް ވައްޓާލި ކުޑަކުޑަ ޖަރާސީމެކެވެ.
ހަމަލޮލަށް ނުފެންނަ މި ކުޑަކުޑަ ޖަރާސީމަކީ އެއްވެސް އެއްޗެއް ނޫންކަމަށް ބުނެ، ގޮންޖަހަމުން ދިޔަ ގައުމުތަކާއި ބޮޑެތީންވެސް އެންމެފަހުން ޖެހުނީ އިސްދަށަށް ޖަހާ ހަތިޔާރު ބަހައްޓާށެވެ.
ކަން މިހެން އޮތް އިރު، ރާއްޖެފަދަ އެހެން ގައުމުތަކުގެ އުފެއްދުންތަކަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ޖެހޭނީ ކޮން ޙާލެއްތޯއެވެ.
އެހެންނަމަވެސް ރާއްޖޭގެ ނިސްބަތުން ރާއްޖެ ވަނީ ކޯވިޑްގެ ކަންކަމުގައި ދުނިޔޭގެ ލޯތަކުގައި އަޅައިގެންފަ އެވެ. މިބަލިން ރައްކާތެރިވުމަށް އަޅަމުންދިޔަ ފިޔަވަޅުތަކުގެ ސަބަބުން އެހެންގައުމުތަކުގެ ތަރުހީބު ލިބުނެވެ.
ނަތީޖާއަކީ މާތްﷲ ގެ ވާގިފުޅާއެކު ކޮންމެވެސް ވަރަކަށް ރާއްޖޭގައި މިބަލި ޖެހޭ މީހުން ގެ ޢަދަދު ދުވަހުން ދުވަހަށް މަދުވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލި އެވެ. ފަތުރުވެރިން ރިސޯޓުތަކަށް އަންނަން ފެށިއެވެ. ޢަދަދުވެސް ދަނީ އިތުރުވަމުން ނެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ނާރު ކަމަށްވާ ފަތުރުވެރިކަމަށް ރާއްޖޭގެ ކޮންމެ މީހަކުވެސް، ކޮންމެ ޢާއިލާއެއްވެސް ބަރޯސާވާ އިރު، މިއަދު މިވަނީ ގެސްޓު ހައުސްތައްވެސް ހުޅުވާލާފައެވެ.
އެހެންކަމުން އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް އިޙުތިރާމު ކުރުމަކީ މުހިންމު ކަމެކެވެ.
ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެންނަކީ ވަސީލަތްތައް މަދު ގައުމަކަށް ވީ ހިނދު، ކޯވިޑްގެ ދެވަނަ ރާޅެއް ނަގައިފި (ނަމަ) ލިބޭ ގެއްލުންމާބޮޑުވާނެ އެވެ.
އެހެންވެ، ރައްކާވެ ތިބިއްޔާ ދަތުރު ނޫންތޯ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް