ލޯބިވާ މާސްކަށް – ކިހިނަކުން ދިރިއުޅޭނީ ކަލާޔާ ނުލާ

އޭ ލޯބިވާ އަހަރެންގެ ހަޔާތުގެ ބައިވެރިޔާއެވެ. އަހަރެން ހިތުގައި ކަލާ އަށްޓަކައި އޮތް ލޯތްބާއި ގަދަރު މިއަދު ހާމަކޮށްދޭނަމެވެ. ތިއީ އަހަރެންގެ ހަޔާތުގެ އެއްބައެވެ. އަހަރެންވީ ތާކު ކަލާ ވަމުއެވެ. އަހަރެ...

15 Oct 2020 | 06:05

އޭ ލޯބިވާ އަހަރެންގެ ހަޔާތުގެ ބައިވެރިޔާއެވެ. އަހަރެން ހިތުގައި ކަލާ އަށްޓަކައި އޮތް ލޯތްބާއި ގަދަރު މިއަދު ހާމަކޮށްދޭނަމެވެ. ތިއީ އަހަރެންގެ ހަޔާތުގެ އެއްބައެވެ. އަހަރެންވީ ތާކު ކަލާ ވަމުއެވެ. އަހަރެން ވީހާލެއްގައި ކަލާ އަހަންނާއި އެކު ވަމުއެވެ. އާނއެކެވެ. މިއީ ހިތާހިތުގެ ގުޅެމެވެ.

ކިހިނަކުން ދިރިއުޅޭނީ ކަލާއާ ނުލާ

މި ހިތުގައި ވިންދު އުފެދޭ ނިޝާނާ ނުލާ

މިއީ ކަލާއަށްޓަކައި އަހަރެންގެ މި ނިކަމެތި ހިތުގައި އުފެދޭ ޝުއޫރުތަކެވެ. އިހްސާސްތަކެވެ. އެހެނަސް ކަލާ އާއި ފުރަތަމަ ބައްދަލުވީ ދުވަހު އަހަރެންގެ ހިތުގެ ޝުޢޫރުތައް ކިޔާދެން ހެއްޔެވެ. " އޭނާ މިރޭ ދިމާވުމުން ހޫނެއްވެ މޭ ޚަރާބުވޭ އަދި ހީލި ޖާދުވީ ގޮތުން މޫނަން އައީ ޝަބާބުހޭ" އޭ ބުނެ އަހަންނަން ހިތާ ހިތާ ސުވާލުކޮށްލެވުނެވެ. އެހެނަސް އެއީ ފުރަތަމަ ރޭގެ ލަދުވެތި އެހެނަސް ހަނދާނުން ފިލުވާލަން ދަތި އިހުސާސްތަކެވެ. އިސާހިތަކު އަހަރަމެންގެ ލޯބީގެ ބަގީޗާގައި މާ ފޮޅެން ފެށުނެއް ނޫން ހެއްޔެވެ.

ކަލާ އަހަރެންގެ ގާތުގައި ބުނީމެއް ނޫންހެއްޔެވެ. " ހެޔޮހާލުގައި ކަލާ ތިހެން ހިނިތުން ވެފައި ހުރޭ" އޭގެ ފަހުން އަހަރެންގެ ހިނުތުންވުން މުޅި ދުނިޔެއަށް ފޮރުވީމެވެ. ހަމައެކަނި އަހަރެންގެ ހިނިތުންވުން ފެންނާނީ ތިބާއަށެވެ. އަހަންނަށް ޖިސްމާނީ އަދި ނަފްސާނީ އަޅާލުން ބޭނުންވި ދުވަހު އަހަންނަން އެހީތެރިވީ ހަމައެކަނި ކަލާއެވެ. ކަލާގެ ލޯތްބާއި އިހުސާންތެރިކަން އަހަރެން ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. މިއީ ފުރާނައިން ވެވޭ ވައުދެކެވެ. ލޯބިވާތީ ކިޔާދޭނަމެވެ. މި ހޫނު ނޭވާ ހަމައެކަނި ބީހޭނީ ތިބާގެ ހަށިގަނޑުގައެވެ. އޭގަވާ އިހްސާސް ހަމައެކަނި ކުރެވޭނީ ކަލާއަށެވެ. ސަމާސާ ރާގެއްގައި އެހެނަސް މުހިއްމު ސުވާލެއް ކަލާ ކުރީމު ނޫންހެއްޔެވެ. " އަބަދު ތިޔަ ލޯބި ކަލާ ވާނަންހޭ" ކިޔާ ކަލާ ސުވާލު ކުރީމެއް ނޫންހެއްޔެވެ. އާއެކެވެ. މަރުވިއްޔާ ޝަރަފުގައި އަހަރެން މަރުވާނަމެވެ. މަރުވާ ވަރަށް ވެސް ލޯބިވެއެވެ. އެހެންނުވާންވީ ކީއްވެގެން ހެއްޔެވެ. ތިއީ އަހަރެންގެ ހުވަފެނުގެ ރާނީއެވެ. ރޭ ނިދީގައިވެސް ދުށީމެވެ. ހިތްއެދޭތީ ބުނަމެވެ. ނިކަން އައިސްބަލާށެވެ. ހާލު ކިޔާދޭ ހިތުން ހިތް ރޮނީއެވެ.

އަހަރެންގެ މުޅި ޖާން ހިތާ ފުރާނައާ ހެޔޮހިތުން ދިފާނަމަވެ. މިއަދު ކަލާއަށްވުރެ މުހިއްމު އެހެން މީހެއް އަހަރެންގެ ހަޔާތުގައި ނުވެއެވެ. އަހަރެން އުފާ ކުރާއިރު ކަލާ އަހަންނާއި އެކުވަމުއެވެ. އަހަރެން ހިތާމަ ކުރާއިރު ކަލާ އަހަންނާއި އެކު ވަމުއެވެ. އަބަދުވެސް ކަލާގެ ޝަކުވާ އަހަންނަން އެނގެއެވެ. އަހަރެން ކަލާދެކެ ފޫހި ވެދާނެތީ ކުރާ ޝަކުވާއެވެ. ބޭވަފާތެރިވެދާނެތީ ކުރާ ޝަކުވާއެވެ. ދޫކޮށްފަ ގޮސްދާނެތީ ކުރެވޭ ޝަކުވާއެވެ. އަހަންނަށް އެނގެއެވެ. ހަގީގީ ލޯބިވާ މީހަކު އޭނާގެ ލޯބިވެރިޔާ ދޫކޮށްފާނެތީ ކަންބޮޑުވާނެއެވެ. އެއީ ހަގީގީ ލޯބިވާކަމުގެ ނިޝާނެކެވެ. ދުނިޔޭގެ ހާލަތު ބަދަލުވެދާނެއެވެ. މާހައުލު ބަދަލުވެދާނެއެވެ. އެހެނަސް ކަލާ އަހަންނާއި ވަކި ނުކުރާނަމެވެ. ކަލާގެ އަމިއްލައެދުމެއް ނެތް ފުރިހަމަ ތާހިރު ލޯބީގައި އަހަރެން ކޮޅުފައިން ނުޖަހާނަމެވެ. ކަލާ އަބަދުވެސް ވާނީ އަހަންނާއި އެކުގައެވެ. އާއެކެވެ. ހަށިގަނޑާއި ފުރާނަވަކިވެދިޔަޔަސް ލޯބި އަހަރެން ވާނަމެވެ. މަދަދުވެރިވާނޭ ފަރާތެއް ހަމަކަލާ ނޫނީ ނެތެވެ. އަދި ކަލާ ނޫން ޔާރަކަށް ހިތްދޭ ހިތެއް ނެތެވެ. އާއެކެވެ. ކަލާ އާއި ނުލާ އަހަރެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ.

ލޮބުވެތި ކިޔުންތެރިޔާ އެވެ. ތިބާގެ ހިތުގައި މާސްކަށް އޮތް ލޯބި ހާމަކުރަން މިލިޔުން ޝެއާކޮށްލާށެވެ. އަދި މާސްކަށް މި ލަވަ ހަދިޔާ ކޮށްލާށެވެ.

https://www.youtube.com/watch?v=-QCepJDhh2E

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް