''އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނެތީތާދޯ..... ވާނީވެސް އެހެން..... އަހަރެންމީ އެއްވެސް މީހެއް ނޫނެއްނު ހާމިދުގެ ދިރިއުޅުމުގެ ކަންތައްތަކާ ފާޑުކިޔަން........ '' ނާޒިމާ އިސްޖަހާލިއެވެ.
''އެހެނެއްނޫން..... ނާޒިމާތީ އަހަންނަށް ވަރަށް މުހިއްމު މީހެއް....... މިވަގުތު ނެތް އަހަރެންގެ ދަރިފުޅުފިޔަވާ ތިޔަށްވުރެ މުހިއްމު އެކަކުވެސް......'' ހާމިދު ޖުމްލަ އަޑުއިވުމާއެކު ނާޒިމާގެ ހިތް އުފަލުން ނަށާލިއެވެ. ހާމިދު އެބުނީ ކީކޭ ބާވައެވެ. ނާޒިމާ ދެކެ ގަޔާވާ ވާހަކަ ބާވައެވެ. ނޫނީ ނާޒިމާ ދެކެލޯބިވާ ކަން އަންގަން ހާމިދު ޖެހިލުންވަނީ ބާވައެވެ.
''ހަޤީގަތުގަވެސް ނާޒިމާ ތިބުނެދިނީ މީގެ ކުރިން އަހަންނަށް ވިސްނާލެވިފައި ނެތް އެއްޗެއް.....'' ހާމިދު ބަލާލީ ނާޒިމާގެ މޫނަށެވެ. ދަރިފުޅު ހަތަރުމަސް ވަންދެން ނާޒިމާ ގެންގުޅު މީހަކާ ދުރުކުރުމަކީ ދަރިފުޅަށް ދެވޭ ވަރަށްބޮޑު ދެރައެއްކަމުގައި ހާމިދު ގަބޫލުކުރެއެވެ.
''ނާޒިމާ ދާނަންތަ އަހަންނާއެކު.....ރަށަށް......'' އެންމެފަހުން ނަޒިމާ ބޭނުންވި ސުވާލު ހާމިދުގެ ދުލުން ބޭރުވިއެވެ.
ވަގުތުން އާނއެކޭބުނަން ނާޒިމާ ބޭނުންވިއެވެ. އެހެންނަމަވެސް އެހާ ފަސޭހައިން އެކަމަށް އެއްބަސްވެއްޖެނަމަ ދެންހުރި ކަންކަން ކާމިޔާބު ކުރަން އުނދަގޫވާނެކަން އޭނާއަށް އެނގެއެވެ. ނަޒިމާ އިޚްތިޔާރުކުރީ ހަމަހިމޭންކަމެވެ.
''ނާޒިމާގެންދަން އަހަރެން ބޭނުން..... ތިޔަށްވުރެ ރަނގަޅަށް ދަރިފުޅު ބަލާދޭނެ މީހަކު ވާނެއެކޭ އަހަރެން ހިތެއް ނުބުނޭ...... އުންމީދުކުރަން އަހަރެންގެ މި އެދުން ނާޒިމާ ގަބޫލުކުރާނެކަމަށް......'' ހާމިދު އިސްޖަހާލިއެވެ. އެއަޑުގައިވަނީ މާޔޫސްކަމެވެ.
''މިހާރުވެސް މީސްމީހުން ވަރަށް ފާޑުފާޑުގެ އެއްޗިހިކިޔާ...... މިގޮތަށް އެއްގެއެއްގައި އަންހެނަކާ ފިރިހެނަކު އެކަނި މިހެން އުޅޭތީ .......'' ނާޒިމާ ތީރު ދުނީގައި އަޅުވާ އަމާޒު ފަތްގަނޑަށް ފޮނުވާލަން ތައްޔާރުވެލިއެވެ. ނަޒިމާ އެބުނަން އުޅޭއެއްޗެއް ހާމިދަށް ވިސްނުނެވެ. އެބުނަނީ ތެދެއްކަމަށް ގަބޫލުވެސް ކުރެވުނެވެ. ތެދެކެވެ. މާލޭގެ މި ހަލަބޮލި ކަމުގެ ތެރޭގައި މީހުނަށް އެކަންކަން އެގޮތަށް ފާހަގަ ވާއިރު ރަށުގެ ހަމަހިމޭން މާހަލުގައި އަދި މާ ބޮޑަށް އެފަދަ ކަންކަން މީހުނަށް މާ ފަސޭހައިން ފާހަގަވާނެއެވެ. އެކަންކަމާ މީހުން މާބޮޑަށް ފާޑުކިޔާނެއެވެ. ދެން ހަދާނެގޮތެއް ހާމިދަކަށް ނުވިސްނުނެވެ.
''ތީވެސް ތެދެއް......'' ހާމިދަށް ޖެހުނީ އެކަމާވެސް އެއްބަސްވާށެވެ. އެވަގުތު ހާމިދުގެ ހިތް ބުނަމުންދިޔައީ ދަރިފުޅުގެ މުސްތަގުބަލަށްޓަކައި މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށެވެ. ނާޒިމާ އާ ކައިވެނީގެ ގޮތުން ގުޅިގެން ޒާރާއަށް އެއީ އޭނާގެ މަންމަ ނޫންކަން ނާންގާވެސް އުޅެވިދާނެއެވެ. އިއްތިފާގުން ޒާރާގެ މަންމަގެ ނަމުގައި އެހެން އަންހެނަކު ހާމިދާ ބައްދަލުވުމަކީ އޭގެ ފަހަތުގައި އެތަކެއް ހެވެއް ވާނެކަމެއްކަމުގައި ހާމިދަށް ވިސްނުނެވެ. ލަސްކުރުމަކީ ފުރުސަތު ގެއްލިދާނެ ކަމެއްކަން އޭނާއަށް އެނގެއެވެ. އެހެންވެ ބޭނުންވީ ނާޒިމާ ބުނާއެއްޗެއް ބަލާށެވެ.
''އަހަރެންނާ ކައިވެނި ކުރަން ކެރިދާނެތަ.........އޭރުން މީހަކު ދައްކާނެ ވާހަކައެއް ނޯންނާނެ ދޯ........'' ހާމިދު އެއްވެސް ޖެހިލުމެއްނެތި ނާޒިމާއަށް ކައިވެނި ހުށައެޅިއެވެ. ނާޒިމާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައިކަން ދޭހަވާ ކުލަވަރުތަކެއް މޫނުމައްޗަށް އަރުވައިގެންނެވެ. އެތެރެ އެތެރެއިން އުފާ ފާޅުކުރަމުން ދިޔަނަމަވެސް ބޭރުފުށުން ދައްކަމުން ދިޔައީ ހައިރާން ކަމެވެ. ނާޒިމާ އެއްވެސް ޖަވާބެއް ނުދިނެވެ.
''ނާޒިމާ ބޭނުން ގޮތެއް......ތި ހަމަހިމޭން ކަމުން އަހަންނަށް ދޭހަވާ މާނައަކީ ނާޒިމާ ބޭނުމެއް ނޫނޭ ދޯ.......... އެންމެ ރަނގަޅު....... އަހަރެން އެހެންކޮންމެވެސް ގޮތެއް ފެނޭތޯ ބަލާނަން.....'' ހާމިދު އިރުކޮޅަކު މަޑުކުރުމަށްފަހު ނާޒިމާގެ ޖަވާބެއް ނުލިބުމުން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނާޒިމާ ހިތާހިތުން ކުދި ކިޔާލިއެވެ. ނާޒިމާ ހީކޮށްގެންހުރީ ހާމިދު އާދޭސް ކުރާނެކަމަށެވެ. އެހާ ފަސޭހައިން އަތަށް އަރާފައި ހާސިލް ނުވެ އަތުން ބީވެގެން ދާކަށް ނާޒިމާ ދުލެއް ނުކުރާނެއެވެ.
''އަހަރެން ބޭނުން.......'' ނާޒިމާގެ ޖަވާބު ސާދާވެފައި ކުރެވެ.
''އެހެންވިއްޔާ ކައިވެނި ކުރަންވީ..... އެކަމަކު އެންމެ ޝަރުތެއް.....'' ހާމިދު ފަސްއެނބުރި ބަލާލިއެވެ. ޝަރުތަކީ ޒާރާ އަށް ނާޒިމާއަކީ ޒާރާގެ މަންމަ ނޫންކަން ދުވަހަކުވެސް ނޭންގުމެވެ. އަދި މަންމައެއްގެ ލޯބި ދީގެން ދަރިފުޅު ބަލާދިނުން ކަމުގައި ހާމިދު ބުނި ވަގުތު ނާޒިމާއަށް އިހްސާސް ކުރެވެމުން ދިޔައީ ކާމިޔާބީގެ ފޮނި އިހްސާސްތަކެވެ. އެހެންނަމަވެސް މޫނުމަތިން އެފަދަ އިހްސާސެއް ފާޅުވިޔަކަ ނުދެއެވެ. އޭގެބަދަލުގައި މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.
ނާޒިމާވެސް އެދޭކަމެއް އޮތިއްޔާ ބުނޭ..... އަހަރެން ނާޒިމާއާއި ކައިވެނިކުރަން މި ނިންމީ އަހަރެންގެ ދަރިފުޅަށްޓަކައި ކަން ހަނދާންކުރަންވާނެ...... އެހެންވީމާ މި ގުޅުމަށް އެއްބަސްވާންވާނީ ނާޒިމާގެ ވެސް ފުރިހަމަ އިޚްތިޔާރާއެކު...... ނަޒިމާގެ ޝަރުތެއް އޮތިއްޔާ އެކަންވެސް ހާމަކުރަން ހަމަ އެންމެ ރަނގަޅުވަގުތަކީ މީކަމަށް އަހަރެންދެކެނީ......'' ހާމިދު ވަރަށް ފާޅުގައި އޭނާ ބުނަން ބޭނުން ހުރިހާއެއްޗެއް ބުނެފިއެވެ.
''އަހަރެންމީ އެކަނި ވެރިއެއް...... ކުރިން ކުރެވުނު ކައިވެނިންވެސް މަށަށް ލިބުނު އެއްވެސް އެއްޗެއްނެތް..... ދޫކޮށްލީމަ ނިކަމެތިކަމާއެކު މަގުމަތިވީ..... ވަންނާނެ ގެދޮރެއް އަހަރެންގެ ނެތް......ކިހިނެއް އެނގެނީ ދަރިފުޅު ބޮޑުވާއިރަށް ހާމިދު އަހަރެން ދޫކޮށް ނުލާނެކަމެއް...... އޭރުން....'' ނާޒިމާ ވާހަކަ މެދު ކަނޑާލިއެވެ. ނާޒިމާ އެބުނަން އުޅޭއެއްޗެއް ހާމިދަކަށް ނުވިސްނުނެވެ.
''އަހަރެން ނާޒިމާ ދޫކޮށްލިޔަސް ދޫކޮށްލާނީ ނާޒިމާ އަހަރެން ކައިރިން ދުރައްދާން ބޭނުންވެއްޖެއްޔާ....އެނޫންގޮތަކަށް އަހަރެން ނާޒިމާ ދޫކޮށެއް ނުލާނަން އިރާދަކުރެއްވިޔާ.....މިއީ އަހަރެންވާ ވައުދެއް....... ނާޒިމާ ތިޔަ ވާ ގުރުބާނީގެ އަގު އަހަރެން އަދާކުރާނަން އިންޝާ ﷲ..... '' ހާމިދު އެބުނި އެއްޗަކުން ނާޒިމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.
''އަހަރެންގެ އޮތީ އެންމެ އެދުމެއް......'' ނާޒިމާ އިސްޖަހާލިއެވެ.
''އަވަހަށްބުނޭ.....'' އުންމީދު ކުރިވަރަށްވުރެ އަވަހަށް ހާމިދު ފުރުސަތު ހުޅުވާލަދިނެވެ.
''އަހަރެންނަށް އުޅޭނެ ތަންކޮޅެއް ހާމިދުގެ ގެއިން ދިނުން..... '' ހާމިދަށް ވިސްނާލަން މަޖުބޫރުވިއެވެ. ނާޒިމާގެ މޫނަށް ބަލާލީ އެމޫނުގައިވާ އެއްޗެއް ދެނެގަތުމުގެ ބޭނުމުގައެވެ. މިހާއަވަހަށް ގެއިން ބައެއް ދޭން އެދުނު އެދުންވީ ހާމިދުގެ ހިތުގައި ޝައްކުތަކެއް އުފެއްދިކަމަކަށެވެ. އެހެންނަމަވެސް އެ ޝައްކުތައް ހިތުން ނެރެ ހިތް ސާފުކޮށްލިއެވެ. މުދަލާ ގެދޮރަކީ ވަގުތީ އެއްޗިއްސެވެ. އޭނާގެ ދަރިފުޅުގެ އަގު އެފަދަ އެތައް އެއްޗަކަށްވުރެ އޭނާގެ ކުރިމަތީގައި ބޮޑެވެ. ތުއްތު ކުއްޖަކު ބަލާ ބޮޑުކުރުމަކީ އަގު ނުކުރެވޭނެ ވަރުގެ ބުރަ މަސައްކަތެއްކަން އޭނާގެ ހިތަށް ވިސްނާދިނެވެ. އަދި ދަރިފުޅުގެ ހައްގުގައިނަމަ އެއީ ވެސް ހާމިދު ކުރަން ފަސްޖެހެންވީ ކަމެއް ނޫންކަމުގައި އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ. އެންމެ ފަހުން ހާމިދު އެކަމަށްވެސް އެއްބަސްވިއެވެ. ޒާރާ ގެ ހައްގުގައެވެ.
ނާޒިމާއާއި ހާމިދު ކައިވެނި ކުރުމަށްފަހު ފޮނަދޫއަށް ދިރިއުޅުން ބަދަލުކުރިއެވެ. އަމިއްލަ ގޭގައި ކުޑަވަރެއްގެ ވިޔަފާރިއެއް ފެށިއެވެ. ގޭގެ ގޯތިތެރޭގައި ތަރުކާރީއާއި މޭވާ ހެއްދިއެވެ. ޒާރާ ބޮޑުވަމުން ދިޔައީ ބައްޕައަކާއި މަންމަ އެއްގެ ލޯބި ލިބިގެންނެވެ. ނާޒިމާއަކީ ޒާރާގެ މަންމަ ނޫންކަން އެ ކުޑަކުޑަ ޒާރާ އަކަށް ނޭނގެއެވެ.
ހަމަޖެހޭ އުފާވެރި ދުވަސްތަކެއް ވޭތިވަމުންގޮސް ޒާރާއަށް ދެއަހަރު ފުރުނުތަނާ ނާޒިމާ ބަލިވެއިނެވެ. ހާމިދަށް އެޚަބަރު ލިބުނު ދުވަހު ހައިރާން ކަމެއް ލިބުނެވެ. ހިތުގައި އެތަކެއް ސުވާލެއް އުފެދުނެވެ. މީގެކުރިން ނާޒިމާ ކުރި ދެކައިވެނިވެސް ރޫޅިފައިވަނީ ދަރިން ނުލިބޭތީކަމަށް ބުނެފައިވާތީއެވެ. އެކަމަކު އެކަމާ ހާމިދު އެއްވެސް ސުވާލެއް ނުކުރެއެވެ. އެއީ ތަގުދީރުގައި ހަމަޖެހިފައިވާ ގޮތްކަމުގައި ހިތަށް ވިސްނައިދެމުންނެވެ. ނާޒިމާވެސް ދަރިއަކު ބޭނުންވާނެކަން އެއީ ހާމިދުވެސް ގަބޫލުކުރާ ކަމެކެވެ. އެ ހައްގު ނާޒިމާގެ ކިބައިން ނިގުޅައިގަތުމަށް ހާމިދަށް އޮތީ ކޮން ހައްގެއް ހެއްޔެވެ. ހާމިދު އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނީ އެގޮތަށެވެ.
ދުވަސްތައް ފާއިތު ވަމުންދާވަރަކަށް ޒާރާއަށް ނާޒިމާ ދެމުންދިޔަ ލޯތްބާ އަޅާލުން ކުޑަވާންފެށިއެވެ. ޒާރާއަށްޓަކައި ހުސްކޮށްދެވޭ ވަގުތު މަދުވާންފެށިއެވެ. ކާންދިނުމަށް ފަރުވާކުޑަކުރުމާއި ގިނަވަގުތު ޒާރާ އެކަނި ދޫކޮށްލާފައި ހުންނަހުރުން އިތުރުވާންފެށިއެވެ. ޒާރާގެ ފަރާތުން ކުރިމަތިވާ ހިތްހަމަނުޖެހޭ ކަންތަތައްތަކާ އަޑުލުން އިތުރުވާންފެށިއެވެ. ހާމިދަށް އެކަންކަން ފާހަގަކުރެވާންފެށިއެވެ. ގިނަ ވަގުތު ނާޒިމާ އޮންނަނީ އޮށޯވެއެވެ. ހާމިދު ހީކުރީ ފުރަތަމަކޮޅު ވީމާ ވާގޮތްކަމަށެވެ. އެހެންނަމަވެސް ނާޒިމާގެ ބަނޑަށް ދުވަސްފުރެމުން ދިޔަވަރަކަށް ޒާރާއާއި ދޭތެރޭގައި ބަހައްޓަމުންއައި ގާތް ގުޅުމަށް ހީނަރުކަން އަންނަމުން ދިޔައެވެ. ޒާރާގެ ގިނަ ކަންކަން ކުރަން ޖައްސަނީ ހާމިދަށެވެ. އެހެންނަމަވެސް ހާމިދު ޝަކުވާ ކުރުމުގެ ބަދަލުގައި އިސްކުރީ ކެތްތެރިކަމެވެ. ނާޒިމާގެ ބަނޑުގައި އޮތީވެސް އޭނާގެ ދަރިއެއްކަމަށް ވާތީއެވެ. އެދަރިފުޅުގެ ހައްގުވެސް ފުރިހަމައަށް އަދާކުރުމަކީ ހާމިދުގެ މައްޗަށްއޮތް ވާޖިބަކަށް ވާތީއެވެ.
ދުވަސްފުރާ ނާޒިމާ ވިހެއީ ފިރިހެން ކުއްޖެކެވެ. ވިހާ ގަދަވަންދެން ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުން ޒާރާބެލީ ހާމިދެވެ. ހާމިދު ހީކޮށްގެން ހުރީ ފަހުން ހުރިހާ ކަމެއްވެސް ހަމަޔަކަށް އެޅޭނެކަމަށެވެ. އެކަމަކު ކަންތައްވީ އެހެނެއްނޫނެވެ. ހާމިދު އުންމީދު ކުރިގޮތާ ޚިލާފަށް ހުރިހާ ކަމެއް ބަދަލުވެގެންދިޔައީއެވެ. ފަހުންފަހުން އައިސް ގޭތެރޭގެ މަސައްކަތް ކުރުމަށް ނާޒިމާ އުޒުރުވެރި ވާންފެށިއެވެ. ކެއްކުމާ، ގޭތެރެ ސާފުކުރުމުގެ އިތުރުން ޒާރާ ބެލުމަކީ ހާމިދުގެ މަސައްކަތް ކަމުގައި ކަނޑައެޅި ނިމިއްޖެއެވެ.
ޒައިދު ބޮޑުވަމުން އައިވަރަކަށް ނާޒިމާގެ އަސްލު ސޫރަ ފާޅުވަމުންދިއެވެ. ފާލުގައި ޒައިދާއި ޒާރާ ހުރިހާ ގޮތަކުން ތަފާތުކުރަން ފެށިއެވެ. ޒާރާއަށް ދިން ލޯތްބާ އޯގާތެރިކަން ވަގުފުވެގެން ދިޔައީ ޒައިދަށެވެ. ޒާރާ ރޮއްވުމަކީ ނާޒިމާގެ ހިތަށް އުފާވެރިކަން ލިބޭކަހަލައެވެ. ހާމިދަށް ކެތް ނުވާ ހިސާބަށް ނާޒިމާގެ ކަންތައް ދިއުމުން ހާމިދު ނާޒިމާއާ ވާހަކަދެއްކިއެވެ. ނަސޭހަތްދިނެވެ. ވިސްނާދިނެވެ. އެހެންނަމަވެސް ވީކަމެއް ނެތެވެ. ހާމިދު ދެއްކި ވާހަކަތަކަށް ނާޒިމާ ދިނީ ބީރުކަންފަތެކެވެ. ވިސްނާދިން އެއްޗެއް ނާޒިމާގެ ސިނކުޑިއަކަށް ނުވަނެވެ. އެތައް ހާސް ފަހަރަކު ދިން ނަސޭހަތްތައްވީ ބޭކާރެވެ. އެންމެފަހުން ހާމިދު ނާޒިމާގެ ގޮތުގައި ނާޒިމާ ބެހެއްޓުމަށް ނިންމިއެވެ. ނާޒިމާ ދޫކޮށްލަން ކިތަންމެ ފަހަރަކު ހިތަށްއެރިވެސް މެއެވެ. އެހެންނަމަވެސް އޭރުން ޒައިދަށް ލިބޭނެ ނިކަމެތިކަމެވެ. އެކަންވެސް ކުރެވޭކަށް ނެތެވެ. ފޮރުވިފައިވާ ހަޤީގަތް ހާމަވާން ނޭދޭތީ ކެތްތެރިކަމާއެކު ނާޒިމާއާއެކު ކުރިއަށް ދިއުމަށް ހާމިދު ނިންމިއެވެ. ދަރިން ބޮޑެތިވަންދެން ކެތްތެރިކަމާއެކު ކުރިއަށްދިއުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. ދަރިންނަށް ޓަކައެވެ. ދަރިންގެ ހައްގުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް