ލ. ގަމު ތުނޑީ ޒުވާނުންގެ ޓީމަކުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ " "ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020" މިރޭ ފަށާނެއެވެ.
ކުލަގަދަ ރަސްމިޔާތަކާއި އެކު "ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020" މިރޭ ފެށިގެން ދާއިރު، މި މުބާރާތަކީ ދެ ގުރޫޕަކަށް ބަހާލައިގެން ޖުމްލަ 10 ޓީމު ބައިވެރިވާ މުބާރާތެކެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ޓީމް ތަކަކީ ޑީޑީއެފް ދި ޖެނެރޭޝަންސް، ގޯޅި އެސްސީ، ޑޭންޖެރަސް ބޯއީސް، އައުޓްރީފް އެސްސީގެ އިތުރުން ޔުނައިޓެޑު ކިލާއެވެ. އަދި ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ޑިކޭއެންޒެޑް، ރޯޔަލް އެފްސީ، ކަންމަތީ އެސްސީ، ގޯޅި ޖޭއާރް ގެ އިތުރުން ސުޕަސްޓާސް އެވެ.
މިރޭން ފެށިގެން މިމަހުގެ 28 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ ޒުވާނުންގެ މެދުގައި ކުޅިވަރަށް ލޯބިޖެއްސުމާއި އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ބާއްވާ މުބާރާތެއް ކަމަށް މުބާރާތް އިންތިޒާމު ކުރާ ޒުވާނުންގެ ޓީމުން ބުނެއެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 20:15 ގައި ގަމު ތުނޑީ މެޓް ފުޓްސަލް ދަނޑުގައި އޮންނައިރު، މުބާރާތުގެ މެޗުތަށް ކުރިއަށް ދާނީ 20:30 އިން 23:30 އާއި ދެމެދުއެވެ. އެގޮތުން މިރޭ މި މުބާރާތުގެ 3 މެޗެއް ކުޅުމަށް ހަމަޖެހިފައިުވެއެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަމު ތުނޑީ މެޓް ފުޓްސަލް ދަނޑުގައެވެ.
މިރޭގެ މި ފޯރިގަދަ މުބާރާތް ފެށިގެން ދާނީ ޑީޑީއެފް ދި ޖެނެރޭޝަނަސް އަދި ގޯޅި އެސްސީ ބައްދަލުކުރާމެޗުންނެވެ.
މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތަށް:
20:30 - ޑީޑީއެފް ދި ޖެނެރޭޝަނަސް އަދި ގޯޅި އެސްސީ، ބައްދަލުކުރާމެޗު.
21:30 - ޑިކޭއެންޒެޑް އަދި ރޯޔަލް އެފްސީ ބައްދަލުކުރާ މެޗު.
22:30 - ޑޭންޖަރަސް ބޯއީސް އަދި އައުޓްރީފް އެސްސީ ބައްދަލުކުރާ މެޗު.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް