މެކެނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ޔުވެންޓަސްގެ މުޅި ޓީމް އައިސޮލޭޝަން އަށް !

ޔުވެންޓަސްގެ އެންމެ މުހިންމު އެއް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ފައްސިވިތާ އެއްދުވަސް ފަހުން އެޓީމަށް ކުޅޭ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީވެސް ފައްސިވުމާއި ގުޅިގެން މުޅި ސ...

15 Oct 2020 | 02:53

ޔުވެންޓަސްގެ އެންމެ މުހިންމު އެއް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ފައްސިވިތާ އެއްދުވަސް ފަހުން އެޓީމަށް ކުޅޭ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީވެސް ފައްސިވުމާއި ގުޅިގެން މުޅި ސްކޮޑް އެކަހެރިކޮށްފިއެވެ.

ޔުވެންޓަސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސިއްހީ މާހިރުން ނެރެފައިވާ ގައިޑްލައިންތަކުގެ ދަށުން ކުރިޔަށްގެންދިޔަ ޓެސްޓުތަކުން މެކެނީ ކޮވިޑް-19ށް ފައްސިވެފައިވާ ކަމަށެވެ. އެއާއެކު މުޅި ޓީމު އެކަހެރި ކުރިކަން އެޓީމުން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. މުޅި ޓީމު އެކަހެރި ކުރި ނަމަވެސް، ސާމްޕަލް ނެގުމަށްފަހު ވައިރަހަށް ނައްސިވާ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިޔަށްގެންދާނެކަމަށް އެ ޓީމުން މައުލޫމާތު ދެއެވެ.

ޔުވެންޓަސް ޓީމު ދެވަނަ ފަހަރަށް އައިސޮލޭޝަނަށް ބަދަލުކުރިއިރު، މި މަހުގެ ކުރީކޮޅު އެ ޓީމުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންވެސް މުޅި ޓީމު އައިސޮލޭޓް ކުރިއެވެ. އެކަމަކު އެ ފަހަރު ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އާއި، ހުއާން ކުއަޑްރާޑޯ އާއި، ޑަނީލޯ އަދި ރޮޑްރީގޯ ބެންޓަންކޫރު ވަނީ ކޮވިޑް-19 ގެ ޓެސްޓުގެ ނަތީޖާ ނުލިބެނީސް ގައުމީ ޓީމުގެ މެޗުތައް ކުޅެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކަށް ގޮސްފައެވެ. އެއާއެކު އިޓަލީގެ އިދާރާތަކުން އަންނަނީ އެ ކުޅުންތެރިންގެ މައްސަލަ ބަލަމުންނެވެ.

ޔުވެންޓަސްއިން މެކެނީ ފައްސިވެފައިވާއިރު އިއްޔެ ރޭ އެޓީމުން ފައްސިވި ރޮނާލްޑޯ ގައުމީ ޓީމާއެކު ޕޯޗުގަލްގައި ނޭޝަންސް ލީގަށް ކުރަމުން އައި ކޭމްޕުން ވަކިވެ އައިސޮލޭޝަންގައި ހުރުމަށްފަހު އިއްޔެ ވަނީ ޕްރައިވެޓް އެމްބިއުލާންސް ޖެޓެއްގައި އިޓަލީގެ ޓޫރިންއަށް ކަރަންޓީންވުމަށް އައިސްފައެވެ.

މުޅި ޓީމު އެކަހެރިވާން ޖެހިފައިވާއިރު މިމަހުގެ 17 ގައި އެޓީމަށް އިޓާލިއަން ލީގުގެ މެޗެއް އަދި މިމަހުގެ 20 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ޑިނަމޯ ކީވްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެއް އެބައޮތެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުވެސް އެބައޮތެވެ.

މި ހަފުތާގައި ޔުވެންޓަސްގެ ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ޔުވެންޓަސްއިން އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކްރޮޓޯނާ ދެކޮޅަށް ނުކުންނާނެއެވެ. މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ކްރޮޓޯނުގެ ދަނޑުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް