ނާޕޮލީ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމައިފި

ކޮވިޑް-19 އަށް ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމުން އިޓާލިއަން ލީގުގައި މި މަހުގެ ހަތަރުވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ނާޕޮލީން ހާޒިރުނުވުމުން، 0-3 ގެ ނަތީޖާއަކުން އެ މ...

15 Oct 2020 | 02:40

ކޮވިޑް-19 އަށް ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމުން އިޓާލިއަން ލީގުގައި މި މަހުގެ ހަތަރުވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ނާޕޮލީން ހާޒިރުނުވުމުން، 0-3 ގެ ނަތީޖާއަކުން އެ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތް މި މެޗަށް ނާޕޮލީގެ ކުޅުންތެރިން ހާޒިރުނުވުމުން 45 މިނެޓު ފަހުން ރެފުރީ ވަނީ މެޗު ނިންމާލާފައެވެ.

ނާޕޯލީއަށް މެޗަށް ހާޒިރުނުވެވުނީ އެޓީމުގެ ދެ ކުޅުންތެރިއެއްގެ އިތުރުން އެއް ކޯޗިންގް ސްޓާފް ކޮވިޑް-19ށް ފައްސިވުމާއި ގުޅިގެން އިޓަލީގެ ޓުރިން އަށް އެތެރެވުމަށް އެ ސިޓީގެ ސިއްހީ އިދާރާތަކުން ހުރަސް އެޅުމާއި ގުޅިގެންނެވެ.

ނާޕޮލީގެ ދެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މީގެ ކުރިން އެ ޓީމުން ވަނީ މި މެޗު ފަސްކޮށްދިނުމަށްވެސް އެދެފައެވެ. އެކަމަކު އެގޮތަށް އިޓާލިއަން ލީގުން ނިންމާފައިނުވާތީ، ޔުވެންޓަސްއިން ވަނީ މެޗަށް ހާޒިރުވެފައެވެ.

އެކަމަކު އިޓާލިއަން ލީގުން ބުދަ ދުވަހުގެރޭ ނެރުނު ބަޔާނުގައި ވަނީ ކޮވިޑް-19 ގެ އުސޫލުތަކާ ނާޕޮލީ ޚިލާފުވި ކަމަށް ނިންމާ، އެ މެޗުން 3-0 ން ޔުވެންޓަސް މޮޅުވި ކަމަށް ނިންމާފައެވެ. އަދި މެޗަށް ހާޒިރުނުވުމުން ނާޕޮލީގެ ޕޮއިންޓެއް އުނިކުރަންވެސް ވަނީ ނިންމާފައެވެ.

މި ނިންމުމާއެކު އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއެކު ޔުވެންޓަސް ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު ތިން މެޗުން ލިބުނު 5 ޕޮއިންޓާއެކު ނާޕޯލީ ވަނީ ތާވަލުގެ އަށްވަނަ އަށް ވެއްޓިފައެވެ. ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ލިބުނު ނަމަވެސް އުނިކުރި ޕޮއިންޓުގެ ސަބަބުން އެޓީމަށް ލިބިގެންދަނީ 5 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް